ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާރު 8،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ. 

އެ މިނިސްޓްރީން މިއަދު ވަނީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުންގެ ތަފާސްހިސާބު އާންމުކޮށްފަ އެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ހިލޭ ޑިގްރީގައި 8،680 ދަރިވަރުން އަންނަނީ މަތީ ތައުލީމް ހާސިލުކުރަމުންނެވެ.

މިދިޔަ ދެ އަހަރު ހިލޭ ޑިގްރީގެ ދަށުން 6،640 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 4،370 އަންހެން ކުދިންނާއި 2،270 ފިރިހެން ކުދިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ހިލޭ ޑިގްރީގައި 5،863 ދަރިވަރުން ރަޖިސްޓްރީކޮށްފައި ވާއިރު އެއީ 3،765 އަންހެން ދަރިވަރުންނާއި 2،098 ފިރިހެން ދަރިވަރުންނެވެ.

މިހާތަނަށް ޖުމްލަ 301.66 މިލިއަން ރުފިޔާ ހިލޭ ޑިގްރީ ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައި ވާއިރު މިދިޔަ އަހަރު އެކަނިވެސް ވަނީ 151.30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ސްކޮލާޝިޕަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި 602 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އެގޮތުން މިހާތަނަށް 471.08 މިލިއަން ރުފިޔާ ސްކޮލާޝިޕަށް ދޫކުރިއިރު، މިދިޔަ އަހަރު އެކަނި 222.17 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.