މިދިޔަ ދެ އަހަރުގައި ސްޓޫޑެންޓް ލޯނުގެ ގޮތުގައި 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 އާއި 2025 ވަނަ އަހަރު  ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން 1.24 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

އެ މުއްދަތުގައި 1،438 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާއިރު، ހިމެނެނީ 568 ފިރިހެން ދަރިވަރުންނާއި އަންހެން 749 ދަރިވަރުންނެވެ. ދަސްވެނިވެފައި ވަނީ 1،211 ދަރިވަރުންނެވެ. އެއީ 670 ފިރިހެނުންނާއި 541 އަންހެން ދަރިވަރުންނެވެ.

ދެ އަހަރު ލޯނަށް ދޫކުރި ފައިސާގެ ތެރެއިން 548.16 މިލިއަން ރުފިޔާ ދޫކުރީ މިދިޔަ އަހަރު އެވެ. އެއީ 237 ފިރިހެން ދަރިވަރުންނާއި 359 އަންހެން ދަރިވަރުންނަށެވެ. މިދިޔަ އަހަރު 660 ދަރިވަރުން ދަސްވެނިވެފައިވެ އެވެ. އެއީ 368 އަންހެން ދަރިވަރުންނާއި 292 ފިރިހެން ދަރިވަރުންނެވެ.

މިވަގުތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި 1،740 ދަރިވަރުން ތައުލީމު ހާސިލް ކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ 1،072 އަންހެން ދަރިވަރުންނާއި 668 ފިރިހެން ކުދިންނެވެ.

ސްޓޫޑެންޓް ލޯނަށް ފައިސާ ދޫކުރާ ނަމަވެސް ދަރިވަރުން އެ ފައިސާ އަނބުރާ ނުދައްކާ މައްސަލަ ވެސް ބޮޑެވެ. 

އެންމެ ފަހުން އާންމުކުރި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓްގައި ބުނެފައި ވަނީ އެ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 190 މިލިއަން ރުފިޔާގެ ތެރެއިން މިނިސްޓްރީން ބަލަހައްޓާ ލޯނުތަކަށް އެކަނި ވެސް 81 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

އެއީ މިނިސްޓްރީން ދޫކުރި ލޯނުތަކުގެ 60 ޕަސެންޓެވެ. އަދި އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލް އަދި ބޭންކް އޮފް ސިލޯނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، މަތީ ތައުލީމަށް ލޯނު ދޫކުރުމާއި އެ ފައިސާ ދަރިވަރުންގެ އަތުން އަނބުރާ ހޯދުމުގެ ކަންކަން އެ ބޭންކުތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެކަމަކު 2022 ގެ ނިޔަލަށް ބީއެމްއެލް އިން ދޫކުރި ލޯނުތަކަށް 103 މިލިއަން ރުފިޔާ އަދި ސިލޯނު ބޭންކު މެދުވެރިކޮށް ދޫކުރި ފައިސާއިން ލިބެންޖެހޭ ތިން މިލިއަން ރުފިޔާއާ އެކު ޖުމްލަ 106 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ވެސް އޮޑިޓު ރިޕޯޓްގައި ވެ އެވެ.