ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ލިބުމުގައި ދިމާވާ ދަތިކަމަށް ހައްލެއް ހޯދުމަށް "ކުރި" ނަމުގައި ޕޯޓަލް އެއް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އިފްތިތާހުކޮށްފި އެވެ.

ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށް އެ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

އެ ޕޯޓަލް އަކީ kuri.gov.mv ޕޯޓަލް އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދެމުން އަންނަ ސްކޮލާޝިޕްތަކާއި މަތީ ތައުލީމް ހާސިލްކުރުމަށް ދޫކުރާ ލޯނުތަކުގައި ދަރިވަރުންނަށް ވަރަށް ބޮޑު ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށެވެ.

ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް "ކުރި" ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

ކަންކަން ނިންމުމުގައި ހުރި ލަސްތަކާއި ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ "ކުރި" އަކީ ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއް ކަމަށެވެ.

"ނިޒާމުގެ ތެރެއިން ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދޭ، އިތުބާރުހުރި އަދި ހަލުވި ތައުލީމީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައި. ކުރި ނިޒާމަކީ ދަރިވަރުންނަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއް،" ހައިދަރު ވިދާޅުވި އެވެ.

"މި ނިޒާމުގެ ސަބަބުން ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ނިޒާމު ހަރުދަނާވެ ލަސްވުމެއްނެތި ފައިސާ ދޫކުރުމުގެ މަގު ފަހިވެގެންދާނެ. އަދި ދަރިވަރުންނަށް އެ ފަރާތްތަކަށް ފައިސާގެ މުއާމަލާތްތައް ހުރި ހިސާބު ކުރި ނިޒާމުން ވަގުތުން ބަލައިލެވޭނެ. މީގެ އިތުރުން އެކި ސްކޮލަޝިޕްތަކަށާއި ފަންޑިން ސްކީމްތަކަށް ޝަރުތުހަމަވޭތޯ ބެލުމުގައި މިހާރު ހޭދަވާ ދިގު އިންތިޒާރަށް، ކުރި ނިޒާމުން ނިމުން ގެނުވާނެ."

ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް "ކުރި" ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި މިނިސްޓްރީގެ އިސް ވެރިން ބައިވެރިވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިދާރީ ލަސްކަމެއްގެ ސަބަބުން ނުވަތަ މާލީ ހުރަސްތަކެއްގެ ސަބަބުން އެއްވެސް ދަރިވަރަކަށް ތައުލީމީ ފުރުސަތެއް ނުގެއްލޭނެކަން ކަށަވަރުކުރުންކަމަށެވެ.

އެ ނިޒާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމާ އެކު ދައުލަތުގެ ހުރިހާ މުވައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުން އަންނަ މޯލްޑިވްސް 2.0ގެ ދަށުން ފެށި މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.