ތ. ވިލުފުށީގައި ސަރުކާރުން އެޅި 100 ހައުސިން ޔުނިޓް ދޫކުރާ އުސޫލު އާއްމުކޮށް، އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން ވިލުފުށީ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން އޭޕްރިލް 11 އާ ހަމައަށެވެ.

އެ އުސޫލުގައިވާ ގޮޮތުން ވިލުފުށިން ދޫކުރަނީ ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމެއް އަދި ބަދިގެއެެއް ހިމެނޭ ހައުސިން ޔުނިޓްތަކެކެވެ. އެއިން ކޮންމެ ހައުސިން ޔުނިޓެއް އިމާރާތްކޮށްފައި ވަނީ 2،000 އަކަ ފޫޓުގެ ބަންޑާރަގޯއްޗެއްގަ އެވެ.

ހައުސިން ޔުުނިޓެެއްގެ ބޮޑުމިނަކީ 1204.69 އަކަފޫޓެވެ.

ވިލުފުށީގައި އެޅި ހައުސިން ޔުނިޓްތައް ދޫކުރާ އުސޫލުގައިވާ ގޮތުން އެ ރަށުގެ ރައްޔިތުންގެ އިތުރުން އެ ރަށުގައި ދިރިއުޅޭތާ 10 އަހަރު ވެފައިވާ މީހުންނަށް ވެސް އެ ހައުސިންޔުނިޓްތަކަށް ކުރިމަތިލެވޭނެ އެވެ. 

އެންމެ މަތިން ޕޮއިންޓް ލިބޭ 100 ފަރާތަށް ދޫކުރާ ގޮތަށް ހަދާފައިވާ އެ އުސޫލުގައިވާ ގޮތުން ޕޮއިންޓް އެންމެ ގިނައިން ލިބޭނީ ތިން ކުދިން ނުވަތަ އެއަށް ވުރެ ގިނަ ދަރިން ތިބި މީހުންނަށެވެ.

ދަރިން ތިބި އަދަދަށް ބަލައިގެންދޭ ޕޮއިންޓް ތިން ކުދިންނާ ހަމައަށް އިތުރުވާނީ ކުއްޖަކަށް ފަސް ޕޮއިންޓްގެ ރޭޓުންނެވެ. ދަރިންގެ އަދަދަށް ބަލައިގެން ދޭ ޕޮއިންޓްގެ އެންމެ މަތީ ސީލިންގަކީ 20 ޕޮއިންޓެވެ. 

އެކަނިވެރި މައިންނާއި ބަަފައިންގެ އިތުރުން ދައުލަތުން ހަވާލުކޮށްފައިވާ ކުދިން ބަލަހައްޓާ މީހުންނަށް އިތުރަށް 10 ޕޮއިންޓް ލިބޭނެ ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.