ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ)ގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް އެކެއްގެ ސީޕްލޭން ކައުންޓަރުތަކުން ފަސިންޖަރުންނަށް ހިދުމަތް ދޭން މިއަދު ފަށައިފި އެވެ. 

މިދިޔަ އަހަރުގެ ޖުލައި 26 ގައި ރަސްމީކޮށް ހުޅުވި އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކުން ހިދުމަތް ފެށުމާ ގުޅިގެން، އެމްއޭސީއެލުން ބުނީ އެއީ ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންގެ އެތެރޭގެ އުދުހުންތައް ހިތްފަސޭހަކަމާ އެކު ފެށޭނެ އޭރިއާއަކަށް ވާނެ ކަމަށެވެ.

އަދި ސީޕްލޭން ޗެކިން ކައުންޓަރުތައް ގާއިމް ކޮށްފައިވާ ސަރަހައްދު ހުންނާނީ އޭސީކޮށް، ފަސިންޖަރުން ގަޔާވާ ގޮތަށް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތައް ހުޅުވީ އެރައިވަލް ގޭޓާ ޖެހިގެން އޮތް ޖާގައިގަ އެވެ. ސީޕްލޭން ޓާމިނަލް، ނޫވިލަށް ފަސިންޖަރުން ދެން ގެންދާނީ އެ ތަނުންނެވެ.

ޓާމިނަލް އެކެއްގެ ސީޕްލޭން ކައުންޓަރުތައް ހުޅުވުމަށްޓަކައި ޓްރަޔަލްތަކެއް ވަނީ މިދިޔަ ޑިސެމްބަރު މަހު ބާއްވައިފަ އެވެ.  ފުރަތަމަ ޓްރަޔަލް ބޭއްވީ ސީޕްލޭންގެ ހިދުމަތް ދޭ ގައުމީ އެެއާލައިން މޯލްޑިވިއަން އާއި ވިލާގެ ފްލައިމީއާ އެކުގަ އެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ސީޕްލޭންގެ ފަސިންޖަރުންނަށް ހާއްސަކޮށްގެން ގާއިމްކުރި ޗެކިން އޭރިއާ
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ސީޕްލޭންގެ ފަސިންޖަރުންނަށް ހާއްސަކޮށްގެން ގާއިމްކުރި ޗެކިން އޭރިއާ

ވީއައިއޭގެ އާ ޓާމިނަލް މިދިޔަ އަހަރުގެ ޖުލައި މަހު ބޭނުންކުރަން ފެށި ނަމަވެސް ނޫވިލު ސީޕްލޭން ޓާމިނަލް އަށް ދާ މީހުންގެ ޗެކިން އޭރިއާ މިހާތަނަށް ހުރީ ކުރީގެ ޓާމިނަލް ގަ އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.

އެ ޓާމިނަލްގެ ހިދުމަތް މިހާރު 39 އެއާލައިނަކަށް ވަނީ ދޭން ފަށައިފަ އެވެ. އެންމެ ފަހުން ހިދުމަތް ދޭން ފެށީ ރަޝިޔާގެ ގައުމީ އެއާލައިން އެރޯފްލޮޓް އަށެވެ.