ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ)ގެ އާ ޓާމިނަލް (ޓާމިނަލް 1)ގެ ސީޕްލޭން ކައުންޓަރުތައް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކުން ހިދުމަތް ދޭން ފެށުމުގެ ގޮތުން ޓްރަޔަލްއެއް ނުވަތަ ޓެސްޓު ބުރެއް ބާއްވާފައިވާ ކަމަށެވެ.

ޓެސްޓު ބުރު ބޭއްވީ ސީޕްލޭންގެ ހިދުމަތް ދޭ ގައުމީ އެެއާލައިން މޯލްޑިވިއަން އާއި ވިލާގެ ފްލައިމީއާ އެކުގައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތައް ހުޅުވަނީ އެރައިވަލް ގޭޓާ ޖެހިގެން އޮތް ޖާގައިގަ އެވެ. ސީޕްލޭން ޓާމިނަލް، ނޫވިލަށް ފަސިންޖަރުން ދެން ގެންދާނީ އެ ތަނުންނެވެ.

ސީޕްލޭން ކައުންޓަރުތަކުގެ ހިދުމަތް ފަށާ ދުވަހެއް އެމްއޭސީއެލުން އަދި ނުބުނެ އެވެ.

މި އަހަރުގެ ޖުލައި 26 ގައި ހުޅުވި ވީއައިއޭގެ އާ ޓާމިނަލުން 33 އެއާލައިނަކަށް ހިދުމަތް ދޭ މިހާރު ވަނީ ފަށައިފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ޕީކް ސީޒަން ފެށުމުގެ ކުރިން ހުރިހާ އެއާލައިނަކަށް އެ ޓާމިނަލުން ހިދުމަތް ދިނުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.