ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު މިއަދު އައްޔަންކޮށްފި އެވެ. 

ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާ ކޮމިޝަންގެ މެމްބަރުކަމަށް ފަނޑިޔާރު ޝަފީއު އައްޔަންކުރީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށް ޖޭއެސްސީން ބުންޏެވެ. 

ޖޭއެސްސީ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްުޔަން ކުރައްވާ ބޭފުޅަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ބޭފުޅެއްގެ މައްޗަށެވެ. 

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑަައެޅި ޝަފީއު އެ ކޯޓުގެ ފަނޑިޔާރަކަށް ހަަމަޖެއްސީ އޮކްޓޫބަރު 4، 2020 ގަ އެވެ. އޭނާ ފަނޑިޔާރުކަމުގެ ތެރެއަށް ވަދެވަޑައިގަތީ ފެމިލީ ކޯޓުން އޮކްޓޫބަރު 27، 2013 ގަ އެވެ. 

ފަނޑިޔާރު ޝަފީއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ހައްދަަވައިފަ އެވެ.