ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރީގެ ގިނަ ފަނޑިޔާރުންތަކެއް ހިމެނޭހެން 19 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް 19 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަން ވަނީ އެނގިފަ އެވެ.
އޭގެ ތެރޭގައި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.
ޝުޖާއު އުސްމާނަކީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި ބޭފުޅެކެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ވަޑައިގެން، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް ބުނެ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް އޭނާ އޭރު އިސްތިއުފާ ދެއްވި އެވެ.
ޝުޖާއު މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލެއްވި އެވެ.
ރައޫފަކީ ވެސް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމި ބޭފުޅެކެވެ. ނަމަވެސް އޭނާ ވެސް އޭރު މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.
ޝުޖާއު އާއި ރައޫފްގެ އިތުރުން ސުލޫކީ މައްސަލައެއް ޖޭއެސްސީން ސާބިތުވި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް އަލީ އާއި ކ. ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓް އަދި މި ސަރުކާރުގެ ސިޔާސީ މަގާމެއް ވެސް އަދާ ކުރެއްވި މުހައްމަދު ރާގިބު އަހުމަދާއި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ވެސް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ.
އޭގެއިތުރުން ކުރިމަތިލެއްވި ބޭފުޅުން:
- އަލީ ނަސީރު، ގާޑްނިޔަވިލާ، ބ. ކިހާދޫ
- އަލީ ރިޒާ އިސްމާއިލް، ދަފްތަރު ނަންބަރު ރސ 7172
- ހަސަން ފަހީމް އިބްރާހިމް، ޕިކެޑްލީ، ހދ. މަކުނުދޫ
- އަބްދުލްމުހުސިން އަބްދުލްހަކީމް، އާކުރި، ގއ. ނިލަންދޫ
- އުއްމުކުލްސޫމް އަބޫބަކުރު، ރަނައުރާގެ، ބ. ހިތާދޫ
- ސުލައިމާން މުހައްމަދު، ނޫރާނީގެ، ޅ. ކުރެންދޫ
- މުހައްމަދު އިބްރާހިމް، ދާރުއްސަލާމް، ގއ. ކޮނޑޭ
- އިބްރާހިމް ނާސިހު، ލަކީ، ޅ. ކުރެންދޫ
- ފާތިމަތު ސައީދު، ގެދަރުގެ، ސ. ފޭދޫ
- އަހުމަދު ތައުފީގު، ޑޭޒީމާގެ، ހއ. ދިއްދޫ
- އިސްމާއިލް ޝަފީއު، ހުޅުމާލެ، ފްލެޓް ނަންބަރު 01ޖީ101
- އައިމިނަތު އަބްދުالله ޒުހައިރު، ގެލަ، ގދ. ތިނަދޫ
- އިސްމާއިލް މާހިރު، އެންދެރިމާގެ، ލ. މާވަށް
- މަރްޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރައްވައި އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.