ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ވެނެޒުއޭލާގެ ތެޔޮ ވަކި މުއްދަތެއް ނެތި ކޮންޓްރޯލްކޮށް، ވިއްކައި އޭގެ ފައިދާ ނަގާނެ ކަމަށް އެމެރިކާއިން ފާޅުގައި ބުނެފި އެވެ.

ވެނެޒުއޭލާ އަށް ބޮން އަޅައި އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާ އިން "ވަގަށް" ނެގި އިރު އެ ގައުމުން ބުނީ އެއީ ޑްރަގް ޓްރެފިކިން ހުއްޓުވަން ހިންގި "ގާނޫނު ތަންފީޒުކުރުމުގެ އޮޕަރޭޝަނެއް" ކަމަށެވެ. އެ ބަހަނާގައި މަދޫރޯ "ވަގަށް" ނަގައިގެން އެމެރިކާ އަށް ގެންގޮސް، ޝަރީއަތް ހިންގަނީ ކަމަށް ބުނެ އެމެރިކާގެ ކޯޓަކަށް ވެސް މަދޫރޯ ހާޒިރުކުރި އެވެ. 

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުން ވިދާޅުވީ، ވެނެޒުއޭލާ ހިންގާނީ އެމެރިކާ އިން ކަމަށާއި އެ ގައުމުގެ ތެލުގެ އިންޑަސްޓްރީ ވެސް ބަލަަހައްޓާނީ އެމެރިކާގެ ކުންފުނިތަކުން ކަމަށެވެ.

އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން އިން އިއްޔެ ބުނި ގޮތުގައި ވެނެޒުއޭލާގެ ތެޔޮ ދުނިޔޭގެ ބާޒާރުގައި މިހާރު މާކެޓް ކުރަން މިހާރު ވަނީ ފަށައިފަ އެވެ. ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ ދުނިޔެ ގަބޫލުކުރާ އަދި އެމެރިކާ އިން ކޮންޓްރޯލްކުރާ އެކައުންޓުތަކަކަށް ކަަމަށް ބުންޏެވެ. 

"އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުން މި ފައިސާ ދޫކުރާނީ އެމެރިކާ ރައްޔިތުންނާއި ވެނެޒުއޭލާ ރައްޔިތުންގެ މަންފާއަށް،" އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ބުންޏެވެ.

ވެނެޒުއޭލާގެ ތެޔޮ ވިއްކަން އެމެރިކާ އިން ވަގުތުން ފަށާފައިވާ ކަމަށާއި އެގޮތުން ބޭރުކުރާ ފުރަތަމަ ޝިޕްމެންޓްގައި 30 މިލިއަން ފީފާ އާއި 50 މިލިއަން ފީފާއާ ދެމެދުގެ މިންވަރެއް ހިމެނޭނެ ކަމަށް ބުނެފައި ވެ އެވެ.

އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން މި މޭރުމުން ވާހަކަ ދެއްކި ފަހުން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ތެޔޮ ވިއްކައިގެން ވެނެޒުއޭލާ އަށް ލިބޭ ފައިސާ އިން ހަމައެކަނި އެމެރިކާގެ އުފެއްދުންތައް ގަންނަން ވެނެޒުއޭލާ އިން އެއްބަސްވެފައިވާ ކަމަށެވެ. 

"އަހަރެންނަށް ހަމަ ދެންމެ މައުލޫމާތު ލިބިއްޖެ، އަހަރެމެންގެ ތެލުގެ އާ ޑީލުން ލިބޭ ފައިސާ އަށް ވެނެޒުއޭލާ އިން ގަންނާނީ އެމެރިކާ އިން އުފައްދާ ތަކެތި އެކަނި ކަަމަށް،" ޓްރަމްޕްގެ އަމިއްލަ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައި އޭނާ ލިޔުއްވި އެވެ.

ވެނެޒުއޭލާ އިން ގަންނަން އެބަސްވެފައިވާ ކަމަށް ބުނާ ބާވަތްތަކުގެ ލިސްޓެއް ވެސް ޓްރަމްޕް އާއްމުކުރެއްވި އެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ބޭހާއި މެޑިކަލް އާލާތްތަކާއި ކަރަންޓާއި ހަކަތައިގެ ގިއުގަނޑު ތަަރައްގީ ކުރަން ބޭނުންވާ ސާމާނު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެނެޒުއޭލާގެ ގުުދުރަތީ މުއްސަނދިކަން ފޭރިގަތުމުގެ ޖަރީމާ އެމެރިކާ އިން ފާޅުގައި ހިންގާއިރު، އެކަން އެގޮތަށް ނުކުރަން އދ. ގެ ބައެއް މާހިރުން ގެންދަވަނީ ގޮވާލައްވަމުންނެވެ.---އަލްޖަޒީރާ