އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މަގާމުގެ މުއްދަތު އެންމެ އަވަހަށް ހަމަވާނީ ޑރ. މުހައްމަދު ޒާހިރުގެ އެވެ.
ރައީސް އޮފީހުން ގެޒެޓްގައި މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، އީސީގެ މެންބަރުކަަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުަވަހާ ހަމައަށް އޮންނާނެ އެވެ.
އެ މަގާމަށް ކުރިމަތިލާން އެދޭ މީހުން ހުށަހަޅަން ޖެހޭ ލިޔުންތަކަކީ:
1. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު
2. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގުރާރު
3. ފުރިހަމަ ކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު (އިއުލާން ކުރި ތާރީހަށް ވުރެ ފަހުން ދޫކޮށްފައިވާ ރެކޯޑުތަކަށްވުން)
4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު
5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
އީސީގެ މެންބަރުކަަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކަށް ވުމާއި ދިވެއްސަކަށް ވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.
ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރާ މަގާމެއް ނުވަތަ އައްޔަންކުރާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ނަންތައް ރައީސް ހުށަހަޅުއްވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ މަގާމަށް އައްޔަކުރެވޭނީ މަޖިލީހުން ރުހުން ދިނުމުންނެވެ.
ޒާހިރުގެ އިތުރުން އީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެންބަރު އަބްދުއްރަހުމާން ސޮލާހު ރަޝީދާއި ހަަސަން ޒަކަރިއްޔާ އަދި އަބްދުލް ހަސީބު އިސްމާއީލެވެ.