އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި އަބްދުއްރަހްމާން ސޮލާހު ރަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުން މެންބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ދެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ދައުރުން ބޭރުން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
އީސީއަށް އައްޔަން ކުރި ޒާހިދު އެޗްއާރުސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.
ސޮލާހު އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ.
އީސީގެ ދެ މަގާމެއް ހުސްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެ ދެ މެންބަރުން ވަކިކުރީ މަޖިލީހުގެ ކޮމިޓީން ބެލި މައްސަލަތަކަކާ ގުޅިގެންނެވެ.