ޗޮކްލެޓް ސިރަޕްފުޅި ތަކެއްގައި ރާއްޖެ އަށް ޑްރަގް އެތެރެކުރި މައްސަލާގައި ހައްޔަރު ކޮށްފައި ތިބި ދެމީހުންގެ ތެރެއިން، އެ މުދާ ކްލިއާ ކުރުމަށް ނުވަތަ މުދަލާ ހަވާލުވާން ދިޔަ މީހާ އަށް ސިރަޕްފުޅިތަކުގައި ޑްރަގް ހުުރިކަން ނޭނގޭ ކަމަށް ކޯޓުގައި ބުނެފި އެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ދެ މީހުންނަކީ ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް، 57 އާއި ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ، 47، އެވެ.
އޭގެ ތެރެއިން އަހުމަދު އަލީއަކީ އެ މުދާ ރާއްޖެ އެތެރެކުރި ރާސް މޯލްޑިވްސްގެ ފަރާތުން މުދާ ކްލިއާ ކުރުމަށް ދާނެ ކަމަށް އެ ކުންފުނީގެ އީމެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އަންގާފައިވާ މީހާ އެވެ.
އަހުމަދު އަލީ ބަންދުގައި ބަހައްޓަން މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ދިން 10 ދުވަހުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.
އަހުމަދު އަލީގެ ބަންދު އަމުރުގައިވާ ގޮތުން ކޯޓުގައި އޭނާ ބުނީ ސިރަޕްފުޅިތައް ހުރި ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި ފޮށިގަނޑު ބަލާ ދިޔައީ މުދާ ކްލިއާ ކުރުމުގެ މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ.
އަހުމަދު އަލީ ހައްޔަރުކުރީ ޑިސެމްބަރު 26 ގަ އެވެ. އަދި އެ މުދާ އެތެރެކުރި ރާސް މޯލްޑިވްސްގެ ވެރިޔާ އާދިލް ހައްޔަރުކުރީ ޑިސެމްބްރު 27 ވަނަ ދުވަހު އެވެ.
އާދިލް ހައްޔަރުކުރަން ކޯޓުން އޭރު ނެރުނު އަމުރުގައިވާ ގޮތުން އެ މަސްތުވާތަކެތި އެތެރެކުރީ އޭނާގެ ކުންފުންޏެއް ކަމަށްވާ ރާސް މޯލްޑިވްސްގެ ނަމުގައި ރާއްޖެ ގެނައި މުދާތަކެއްގެ ތެރޭގަ އެވެ. އާދިލްއަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް، ވިޔަފާރި ހިންގުމަށް މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ ރާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްގައިވާ ގޮތުން ދެ އެ ކުންފުނީގެ ހިއްސާދާރަކީ އަންހެނެކެވެ.
ތަހުގީގުގެ ބޭނުމަށް އާދިލް ބަންދުކޮށްފައި ވަނީ 15 ދުވަހަށެވެ.
ރާސް މޯލްޑިވްސްގެ ނަމުގައި އެތެރެކުރި މުދާތަކުގެ ތެރެއިން ފޮށިގަނޑުތަކެއްގައި ބަންދުކޮށްގެން ހަޝިޝް އޮއިލް އަޅާފައި ހުރި ސިރަޕްފުޅިތަކެއް ހުރި ކަން ކަސްޓަމްސް އަށް ފަޅާއެރީ އެ މުދާތައް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ކަނޑައި ބެލުމުންނެވެ.
ހަޝިޝް އޮއިލް އަތުލައިގަނެ، ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ އެވެ. އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ