މާލޭގައި ކެނަބިސް ގަސްތަކެއް ހައްދައި އަދި މަސްތުވާތަކެތި ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށްލައި، 400،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މެއި، 2023 ގައި މާލެއިން ކެނަބިސް ގަސްތަކެއް ފުލުހުން އަތުލައިގަތީ މާލޭގެ ގެއެއްގެ ދޮރު ކައިރީގައި ކެނަބިސް ގަހެއް ހުއްޓާ ފުލުހުންނަށް ފެނުމުންނެވެ. އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ނ.ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ނިޝާން، އަހުމަދު ޔާސިހު އެތަނަށް ގޮސް އެއީ އޭނާގެ ގަހެއް ކަމަށާއި އަދި އޭނާ ދިރިއުޅޭ އުޅޭ ގޭގެ ބެލްކަންޏާއި ކޮޓަރީގައި ވެސް ގަސްތަކެއް ހުންނާނެ ކަމަށް ފުލުހުންގެ ގާތުގައި ބުނި ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. 

އެހެންވެ، އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން އެ އެޕާޓްމަންޓާއި ކޮޓަރި ހުޅުވައި ބެލިއިރު އިތުރު ކެނަބިސް ގަސްތަކެއްގެ އިތުރުން 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތީގެ އެކި ބާވަތްތައް ވެސް އެޕާޓްމަންޓްގެ އެކި ތަންތަނުގައި ހާމައަށް ބަަހައްޓާފައި ހުރި ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދީފައިވެ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރި އެވެ. 

އެހެން ނަމަވެސް އެ މައްސަލައިގެ ޝަރީއަތުގައި އެންމެ ފުރަތަމަ ދިފާއެއްގެ ގޮތުގައި ޔާސިހުގެ ފަރާތުން އޭނާގެ ބުނެފައިވަނީ އޭނާ މާލޭގައި އުޅުނު ގެއިން ފެނުނު ކެނަބިސް ގަސްތައް އެއީ އޭނާގެ ގަސްތަކެއް ކަމަށް ބުނުމަކީ "އާދަޔާ ހިލާފު ކަމެއް" ކަމަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން ރާއްޖެއަކީ ކެނަބިސް ގަސް ލިބެން ހުންނަ ގައުމަކަށް ނުވާއިރު، އެތަކެތި އޭނާއަށް ލިބުނު ގޮތެއް ނުވަތަ ގެންގުޅުނު ބޭނުމެއް އޭނާއަށް ބުނެދެވިފައެއް ނުވެ އެވެ. އެހެންވެ، އެއީ އޭނާ ހެއްދި ތަކެތި ކަމަށް ހުކުމުގައިވެ އެވެ. 

އެ މައްސަލާގައި ޔާސިހުގެ މައްޗަށް ކުރި ހަތަރު ދައުވާ ވެސް ސާބިތުވާތީ ކޮންމެ ދައުވާއެއްގައި 25 އަހަރުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ކޯޓުން ކަނޑައެޅި އެވެ. އެހެންވެ، ޖުމްލަ 100 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

ނަމަވެސް ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި 2 އަހަރާއި ހަތް މަހުގެ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 98 އަހަރުގެ ޖަލު ހުކުމެކެވެ. 

ހުކުމުގައިވާ ގޮތުން އެ މައްސަލައިގެ އެކި މަރުހަލާގައި ޔާސިހުގެ ފަރާތުން ދިފާއުގައި ބުނެފައި އޮތީ އޭނާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެެއް ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އެސެސްމެންޓް ހަދަން އޭނާގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެކަމަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ.