ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކުރުމާ މެދު، އިދިކޮޅު އެމްޑީޕީގެ ތެރެއިން މިހާރު އެކުގައި މަސައްކަތް ކުރައްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހިޔާލުތަފާތުކަން ހާމަވެއްޖެ އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސްކަން ކުރެއްވި ނަޝީދު އެ ބިލަށް ތާއީދު ކުރައްވާފައިވަނިކޮށް، ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ ދެ އިންތިހާބު އެެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރި ކަމަށެވެ.

އެކަމަކު ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ގައުމުގެ ކަންކަން ނިންމުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރު ފޭރިގަތުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރުމަށް މި ސަރުކާރުން އުޅޭ ތަނެއް ނުފެނެ އެވެ. އެކަމަކު ވޯޓާ ގުޅޭ ކަންކަމުގައި ހަރަދު ކުޑަކުރަން އުޅޭ ސަބަބާ މެދު ވިސްނާލަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

"ހަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް. ވޯޓާ ގުޅުންހުރި ކަންކަމުގައި "ހަރަދު ކުޑަކުރަން" ކުރަން މި އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރި،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބަކީ ސަރުކާރަށް ފާރަވެރިވެ ގާނޫނު ހަދާ އެންމެމަތީ ބާރަށް މަންދޫބުން ހޮވާ އިންތިހާބު ކަމަށްވާއިރު ރައްޔިތުންގެ ބާރުވެރިކަން މަޖިލީހުގައި ބާއްވައި ކޮލިޓީ މެންބަރުން އިންތިހާބުކުރަން އާބާދީ ބޮޑު އަތޮޅުތަކަށް މެންބަރުން ހޮވަންވީ، 5،000 އާބާދީއަކަށް ދާއިރާއެއް އޮންނަ އުސޫލު ކަމަށް އޮތުން އުވާލުން ރަނގަޅެވެ. 

އޭނާ ވިދާޅުވީ ޗެކްސް އެންޑް ބެލެންސް ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، މަޖިލިސް އިންތިހާބު ސްޓެގާކޮށް ދެ ބަޔަކަށް ބަހާލައި، ރިޔާސީ އިންތިހާބާ އެކު ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުންގެ އިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ. ސަބަބެއް ކަމަށް ފައްޔާޒު ވިދާޅުވީ އެކަމަކީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭ ފުރުސަތަކަށް ވުމެވެ. 

ހަރަދު ކުޑަކުރުމަށް އިންތިހާބުތައް އެއްކުރުމުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، ރިޔާސީ އިންތިހާބައި ކައުންސިލް އިންތިހާބު އެއްކުރަން ޖެހޭ ކަމަށާއި އެ ދެ އިންތިހާބަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށް ގައުމާއި ރަށު ލެވެލްގައި ނެގޭ ވޯޓެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. 

ފައްޔާޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭން ޖެހެ އެވެ. އަދި އޭނާ ފާހަގަކުރެއްވި ފަދަ އިތުރު އޮޕްޝަންތައް ރައްޔިތުންނާ ހިސާބަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ގައުމީ ބޮޑު ދެ އިންތިހާބު އެއްކޮށްލުމާމެދު ނަޝީދާއި ފައްޔާޒް ހިޔާލުތަފާތުވެފައިވާއިރު، މި ކަމާ ގުޅިގެން އެމްޑީޕީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ފަލާހު ހުށަހެޅުއްވި ބިލުގައި ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށް ކަމަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ވެ އެވެ. 

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވެ އެވެ.

އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ވަނީ ރެފަރެންޑަމް ނުވަތަ ފެންނަ/ނުފެންނަ ވޯޓުގެ ގާނޫނެއް ވެސް މިދިޔަ އަހަރު ހަދައިފަ އެވެ. އެ ގާނޫނު ހެދީ ރައީސް މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. އެ ނޫން ވެސް ގައުމީ މުހިންމު ކަންކަމުގައި ވެސް ފެންނަ ނުފެންނަ ވޯޓަށް ދިއުމުގެ ފުރުސަތު އެ ގާނޫނުގެ ދަށުން ލިބެ އެވެ.