ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ ވިސްނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތާއީދު ކުރައްވައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އިއްޔެ އެ ބިލް ހުށަހެޅުއްވިކަން މިއަދު ހާމަކުރެއްވުމާ އެކު، ނަޝީދު އެކްސްގައި ވަނީ އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

"ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑު ދެކެން،" އިދިކޮޅު އެމްޑީޕީގެ އެއް ފައުންޑަރު ނަޝީދު ވިދާޅުވި އެވެ. 

ފަލާހު ހުށަހެޅުއްވި ބިލްގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއް ކަމަށް ބުންޏެވެ.

އެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.

ބިލުގައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ވެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވެ އެވެ.

"އެ 120 މިލިއަން ރުފިޔާ އިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް، ސަރުކާރަށް ނިންމައި ދެވޭނެ،" ޕީއެންސީގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައި ވެ އެވެ.

އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ވަނީ ރެފަރެންޑަމް ނުވަތަ ފެންނަ/ނުފެންނަ ވޯޓުގެ ގާނޫނެއް ވެސް މިދިޔަ އަހަރު ހަދައިފަ އެވެ. އެ ގާނޫނު ހެދީ ރައީސް މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. އެ ނޫން ވެސް ގައުމީ މުހިންމު ކަންކަމުގައި ވެސް ފެންނަ ނުފެންނަ ވޯޓަށް ދިއުމުގެ ފުރުސަތު އެ ގާނޫނުގެ ދަށުން ލިބެ އެވެ. 

އެ ގާނޫނުގެ ދަށުން ބޭއްވި ފުރަތަމަ ވޯޓަކީ އައްޑޫ ސިޓީގެ އިދާރީ ދާއިރާތަކުގެ ތެރެއިން އައްޑޫގެ ގުޅިފައިވާ ރަށްތަކާއި އައްޑޫ ފޭދު އާއި ހުޅުދު އަދި މީދޫ ވަކިކުރުމަށް މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި އިންތިހާބެވެ.