ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައި "މައުމޫން ފައުންޑޭޝަން" ގެ ސީއީއޯއަކަށް ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން މިއަދު އައްޔަން ކުރައްވައިފި އެވެ.
މައުމޫން ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީނާ ބައްދަލުކުރެއްވުމަށް ފަހު، މައުމޫން ވިދާޅުވީ އޭނާގެ ތަޖުރިބާގެ އަލީގައި އެ ފައުންޑޭޝަނަށް ކުރިއެރުންތައް ލިބޭނެ ކަމަށާއި އެ އިތުބާރު އެބައޮތް ކަމަށެވެ.
ޖެނުއަރީ 26،2010 ގައި އުފެއްދި މައުމޫން ފައުންޑޭޝަންގައި އަބްދުﷲ ކަމާލުއްދީން މަސައްކަތް ކުރައްވާތާ މިހާރު ވެސް ދުވަސްތަކެއް ވެއްޖެ އެވެ.
އޭނާ ވަނީ މައުމޫންގެ ވެރިކަމަށް ފަހު ވެސް ކުރެއްވި ސިޔާސީ މަސައްކަތްތަކުގައި އެ މަނިިކުފާނާ އެކު މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި މައުމޫން އުފެއްދެވި ޑީއާރުޕީ އާއި އެމްއާރުއެމް ހިމެނެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން އެންމެ ހަރަކާތްތެރިކޮށް އިޖުތިމާއީ މަސައްކަތްތައް ކުރައްވާ ބޭފުޅަކީ މައުމޫން ކަމަށް ވާއިރު، މައުމޫން ފައުންޑޭޝަން މެދުވެރިކޮށް މަތީ ތައުލީމަށް ކިޔަވަން ސްކޮލަޝިޕްތައް ދިނުމާއި ދީނީ އެކިއެކި ކަންކަމުގައި އިސް ދައުރެއް އަދާކުރުން ހިމެނެ އެވެ.
މައުމޫންގެ ވެރިކަމުގައި ބިނާކުރި އެންމެ މުހިންމު އެއް ބިނާ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވައި، މަރާމާތު ކުރަން ވެސް މައުމޫން ފައުންޑޭޝަނުން މި ހަފުތާގައި ވަނީ އިސްލާމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފަ އެވެ. އަދި އަދި އެ މިނިސްޓްރީގެ ފަރާތުން އިސްލާމީ މަރުކަޒުގައި ކުރިޔަށް ގެންދާ ދީނީ މުނާސަބާތަކުގައި މައުމޫން ތަގުރީރު ކުރައްވާނެ ކަމަށް ވެސް ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ.