ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ބިނާކުރި މާލޭގެ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވައި، މަރާމާތު ކުރަން މައުމޫން ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މައުމޫން ފައުންޑޭޝަނުން ބުނި ގޮތުގައި އިސްލާމިކް މިނިސްޓްރީ އާއި މައުމޫން ފައުންޑޭޝަނާ ދެމެދު، އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި މައުމޫން ފައުންޑޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން، ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދެވެ.
މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގައި ހުރި އާބާތުރަ ފިލުވައި، އެކަށީގެންވާ ދިގު މުއްދަތަކަށް ބޭނުންކުރެވޭ އިމާރާތަކަށް ހެދުމަށް މަޝްރޫއެއް ރާވައި، ރާއްޖެ އާއި ރާއްޖޭން ބޭރުން އެހީ ހޯދައިގެން، ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން މައުމޫން ފައުންޑޭޝަނުން އެ މަސައްކަތް ކުރާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިސްލާމީ މަރުކަޒުގައި ކުރިޔަށް ގެންދަވާ ދީނީ މުނާސަބާތަކުގައި ރައީސް މައުމޫން ތަގުރީރު ކުރައްވާނެ ކަމަށް ވެސް ފައުންޑޭޝަނުން ބުންޏެވެ.
ރައީސް މައުމޫން ލިޔުއްވާފައިވާ ދީނީ ފޮތްތައް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިސްލާމީ މަރުކަޒުގެ ލައިބްރަރީގައި އާންމުކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން މައުމޫން ފައުންޑޭޝަނުގެ ފަރާތުން ކުރިޔަށް ގެންދާ ދީނީ އަދި އިޖުތިމާއީ އެކިއެކި ކަންކަމުގައި އިސްލާމިކް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް މައުމޫން ފައުންޑޭޝަނުން ބުންޏެވެ. އަދި މައުމޫން ފައުންޑޭޝަނުގެ ޑިޖިޓަލް އާކައިވް އާއި ލައިބްރަރީ އުފެއްދުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭން ވެސް ވަނީ އެއްބަސްވެފަ އެވެ.