ސިވިލް ސާވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ހެދުން އެޅުމުގެ އުސޫލަށް ގެނައި އިސްލާހުތަކަށް އަދާލަތު ޕާޓީން މަރުހަބާ ކިޔައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ނެރުނު އާ ގަވާއިދުގައިވާ ގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ. 

އޭގެ އިތުރުން އާއްމުންނަށް ހިދުމަތް ދޭން އޮފީހަށް ނުކުންނައިރު، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ނުވަތަ ހަށިގަނޑު ނިވާ ނުވާ ގޮތަށް ހެދުން ނޭޅޭނެ ކަަމަށް އެ އިސްލާހުގައި ވެ އެވެ.

ސިވިލް ސާވެންޓުން ހެދުން އެޅުމުގެ ގަވައިދަށް މިދިޔަ ބުދަ ދުވަހު ގެނައި އިސްލާހަށް މަރުހަބާ ކިޔައި، އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ހެޔޮ ބަދަލަކީ އެކަމުގެ އެންމެ ފުރިހަމަކަމާ ހަމައަށް ނުދެވުނަސް، މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ ސަލާމަތްތެރިކަމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ.

އެންމެ ފުރިހަމަ ގޮތަށް އަމަލުނުކުރެވުނަސް ރަނގަޅު ގޮތާ ގާތްކުރާ ހެޔޮ ބަދަލުތަކަކީ، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނުގައި ވާ ގޮތުން، އެކަމަށް ތަރުހީބުދީ ހިތްވަރު ދޭންޖެހޭ ކަންކަމެވެ.

ސިވިލް ސާވަންޓުން އޮފީހަށް ނުކުންނައިރު ހެދުން އަޅަންޖެހޭ މިންގަނޑުތައް ހިމަނައި 2010 ގައި އެކުލަވައިލި އުސޫލަށް އަމަލު ކުރުން އޮތީ ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި މިހާރު އަމަލު ކުރަނީ 2014 ގައި އެކުލަވައިލި މިންގަނޑަށެވެ.

އަދާލަތު ޕާޓީން ބުނީ، އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ތަރުތީބުކޮށްދޭ ދީން ކަމަށާއި އެގޮތަށް ހެދުން އެޅުމުގެ މިންގަނޑުތަކަކީ އިސްލާމީ ތަރުބިއްޔަތާއި އަހުލާގުގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.

"އިސްލާމްދީނުގައި ހެދުން އެޅުމުގެ މަގުސަދަކީ ހަމައެކަނި ފިނިހޫނުމިނުން ސަލާމަތްވުމާއި ޒީނަތްތެރިވުމެއް ނޫނެވެ. އޭގެ އެންމެ ބޮޑު މަގުސަދަކީ އައުރަ ނިވާކުރުމާއި އިންސާނާގެ އިއްފަތްތެރިކަމާއި ކަރާމާތް ރައްކާތެރިކުރުމެވެ." ބަޔާނުގައި ވެ އެވެ. 

އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމުގައި ބަލަންޖެހޭ އަސާސްތަކުގެ ތެރޭގައި އެ ހެދުމަކީ ހަށިގަނޑުގެ ބައްޓަން އެނގޭ ފަދަ ބާރު ހެދުމަކަށް ނުވުމާއި އެތެރެ ފެންނަ ފަދަ ތުނި ހެދުމަކަށް ނުވުން ހިމެނޭކަން ބަޔާނުގައި ފާހަގަކުރި އެވެ.

އެހެންވެ، އަންހެނުންނާއި ފިރިހެނުން ވެސް ހިލޭ މީހުންގެ ކުރިމަތީގައި އުޅޭއިރު ފުރިހަމަގޮތުގައި އައުރަ ނިވާކޮށްގެން އުޅުމަކީ ރައްކާތެރި ގޮތް ކަމަށާއި އެފަދައިން އުޅޭ އުޅުމަށާއި ހެޔޮ ރަނގަޅު ކަންކަމާ ދެކޮޅު ހަދާ ފަރާތްތަކުން اللهއަށް ބިރުވެތިވެ، ތައުބާވުމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.