ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީ ނެގުމާ އެކު، ޕްރޮމޯޝަން ނުލިބޭ ގޮތަށް ހަމަޖައްސާފައިވާ އުސޫލު ބަދަލުކުރަން ޕެޓިޝަނަކަށް ސޮއި ހޯދަން ފަށައިފި އެވެ.

މަރިޔަމް ޝިފާނާ ހުސެއިން ނަމަކަށް ކިޔާ މީހަކު ތައްޔާރުކުރި ޕެޓިޝަންގައި ބުނީ އާ ޕޭ ފްރޭމްވޯކްގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ފެންވަރު ބަލާއިރު މަސައްކަތް ކޮށްފައިވާ މުއްދަތު، 90 ދުވަހަށް ވުރެ ކުރު ނަމަ ޕާފޯމަންސް އެޕްރައިޒަލް ޕްރޮމޯޝަން ދިނުމަށް މާކްސް ނުގުނާ ގޮތަށް އޮންނާތީ، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ އެޕްރޫވްޑް ޗުއްޓީ ނަގާ މުވައްޒަފުންގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.

އެހެންވެ، އޮންލައިންކޮށް ސޮއިކުރަމުން އަންނަ ޕެޓިޝަންގައި އޭނާ އެދިފައިވަނީ ސްޓެޕް ޕްރޮމޯޝަން ދިނުމުގައި ދިމާވާ ގޮންޖެހުން ހައްލު ކޮށްދިނުމަށެވެ.

"މި ޗުއްޓީއަކީ އަންހެނުން ބާރުވެރި ކުރުވުމާއި އާއިލީ ދުޅަހެޔޮކަމަށް ދެވޭ ވަރަށް މުހިއްމު ޗުއްޓީއެއް ނަމަވެސް، މިފަދައިން މެދުވެރިވާ ނަމަ މި ޗުއްޓީގެ ފުރިހަމަ މަގްސަދު ހާސިލް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވެ މަސައްކަތުގެ މާހައުލުގައި އުޅޭ މައިންނަށް މާޔޫސްކަން ކުރިމަތިވާނެ އެވެ،" ޕެޓިޝަން ހުށަހަޅާ ސަބަބު ފާހަގަކޮށް ބުނެފައިވެ އެވެ.

ޕެޓިޝަންގައި ސޮއިކުރަން ޖެހެނީ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލްގައި އީ-ފާސް މެދުވެރިކޮށެވެ. 

މި މަހުގެ ނުވަ ވަނަ ދުވަހު ހުޅުވާލި ޕެޓިޝަންގައި މިހާތަނަށް 1،180 މީހުން ވަނީ ސޮއިކޮށްފަ އެވެ. އެ މުއްދަތު އަންނަ މެއި ހަތަރު ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކަންބޮޑުވުން ފާޅުކޮށް، "މިހާރު"އާ ވާހަކަ ދެއްކި ސިވިލް ސާވިސް މުވައްޒަފަކު ބުނީ ޕާފޯމަންސް އެޕްރައިޒަލް ހަދާއިރު، މަދުވެގެން 90 ދުވަހު މަސައްކަތަށް ހާޒިރުވާން ޖެހޭ ކަމަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި މެޓާނިޓީއާ ގުޅިގެން ނަގާ ޗުއްޓީތަކެއް ނުހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"މެޓާނިޓީ ޗުއްޓީގެ ހަ މަސް ދުވަހާއި އަހަރީ ޗުއްޓީ އަދި ވިހެއުމުގެ ކުރިން ލިބޭ ޗުއްޓީ ނަގައިފިއްޔާ 90 ދުވަހެއް ހަމައެއް ނުވޭ،" އެ މުވައްޒަފު ކިޔައިދިނެވެ.

"އެހެންވެ، ޕްރޮމޯޝަން ލިބެނީ އަނެއްކާ ވެސް އަހަރެއް ފަހުން. އެކަމަކު، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް މިއީ ބޮޑު ގެއްލުމެއް."