ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏަކުން ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
އެ ކުންފުންޏަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް ވިޔަފާރި ހިންގާ ކުންފުންޏެއް ކަމަށް ވެ އެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަސްޓަމްސް އިން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބުނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. މީހަކު ހައްޔަރުކޮށްފައިވާ ކަން މީޑިއާ އަށް ކަށަވަރު ކޮށްދިނުމަށް ފަހު، ފުލުހުން ހަމައެކަނި ބުނީ އިތުރު މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.
އެކަމަކު ކްރިމިނަލް ކޯޓު ނެރެފައިވާ އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ ވަނީ ގދ. ތިނަދޫ، މުހައްމަދު އާދިލް، 57، އެވެ.
އޭނާ ހައްޔަރުކުރީ ރާއްޖެ އަށް އައި އެމްއެސްއެސް ޑޫރާ ބޯޓުން އެތެރެ ކޮށްފައިވާ މުދާތަކުގެ ތެރެއިން ރާސް މޯލްޑިވްސް ކުންފުނީގެ ނަމުގައި ގެނެސްފައިވާ މުދާތަކުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް ކޯޓު އަމުރުގައި ވެ އެވެ.
އެ މުދާ ކްލިއާ ކުރުމަށް ކުންފުނީގެ ފަރާތުން އަހުމަދު އަލީ ކިޔާ މީހަކު ދާނެ ކަމަށް ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް ރާސް މޯލްޑިވްސް އިން މެއިލްކޮށްފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައި ވެ އެވެ
އާދިލް ހައްޔަރުކުރީ އެކަމުގައި އޭނާ ބައިވެރިކަމުގެ ތުހުމަތު ކުރެވޭތީ އާއި އޭނާ ދޫކޮށްލާފައި ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ހެކި ނައްތާލާފާނެ ކަމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާފާނެތީ އެވެ.
އަމުރުގައިވާ ގޮތުން ރާސް މޯލްޑިވްސް ރަޖިސްޓަރީ ކޮށްފައި ވަނީ އާދިލްގެ ނަމުގަ އެވެ. އެއީ މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެސް މެ އެެވެ.
ހަޝިޝް އޮއިލް އަތުލައިގަނެ، ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ އެވެ. އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ.