ސޯޝަލް ހައުސިން ސްކީމަށް ކުރިމަތިލެވޭ އަސާސީ އެއް ޝަރުތު ކަމަށްވާ މާލެ ސަރަހައްދުގައި ދިރިއުޅުނު މުއްދަތު މެދުނުކެނޑޭ ހާލަތްތައް ހައުސިން މިނިސްޓްރީން ސާފުކޮށްދީފި އެވެ.
އެ މިނިސްޓްރީން ރޭ އާއްމުކުރި އާ އުސޫލުގައި ބުނާގޮތުން ފްލެޓާއި ގޯއްޗަށް ވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި އަމިއްލަ ނަމުގައި ގޯއްޗެއް/ފްލެޓެއް ނެތް މީހުންނަށެވެ.
ހުޅުމާލެއިން އެންމެ ފަހުން ފްލެޓު ދޫކުރިއިރު ވެސް އަސާސީ އެއް ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ 15 އަހަރުވުމެވެ. އެކަމަކު، އޭރު އެކަން އިތުރަށް ތަފްސީލުކޮށްފައި ނެތުމުން އިތުރު މައްސަލަތައް ދިމާވި އެވެ.
މިނިސްޓްރީން މިދިޔަ މަހުގެ 17 ގައި އާއްމުކުރި ފްލެޓާއި ގޯތި ދޭ އުސޫލު ބާތިލްކޮށް، ރޭ ކުރި ގެޒެޓުގައި ވަނީ މާލޭގައި ދިރިއުޅުނުކަން މެދުކެނޑިފައިވާކަމަށް ނުބެލެވޭނެ ހާލަތްތައް ތަފްސީލުކޮށްފަ އެވެ.
އުސޫލުގައިވާ ގޮތުން؛
- ވަޒީފާދޭ ފަރާތުގެ ނިންމުމަކުން ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަން ޖެހުން
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެ މީހާގެ އާއިލާ މާލެ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި މާލެ ސަރަހައްދުގައި ދަރިންގެ ކިޔެވުން ކުރިއަށް ގެންދިއުން
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އަނބިމީހާ ނުވަތަ ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ގެންދިއުން
އޭގެ އިތުރުން ތައުލީމު ހާސިލުކުރަން ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެފަދަ ޒަރޫރީ އެހެން ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަން ޖެހުމަކީ ވެސް މުއްދަތު މެދުނުކެނޑޭ ހާލަތެއް ކަމަށް އެ އުސޫލުގައިވެ އެވެ.
މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައި ނަމަވެސް މާލޭގައި ދިރިއުޅުނު ޖުމްލަ މުއްދަތު 15 އަހަރުވެފައިވާ ނަމަ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމަށް ބެލޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އެ އުސޫލުގެ ދަށުން ޝަރުތު ހަމަވާ ދެމަފިރިންގެ އެޕްލިކޭޝަން ހުޅަހަޅަންވާނީ ދެމަފިރިން އެއްކޮށް ޖޮއިންޓް އެޕްލިކޭޝަނެއް ގޮތުގަ އެވެ. އެ ހާލަތުގައި ދެމަފިރިން ވަކިން ފޯމު ހުށަހެޅިޔަސް، ގޯތި ނުވަތަ ފްލެޓު ދެވޭނީ އެ ދެ މީހުންގެ ތެރެއިން އެކަކަށެވެ.
ދެމަފިރިންގެ ތެރެއިން އެކަކު ޝަރުތު ހަމަނުވާ ނަމަ ވަކިން އެޕްލިކޭޝަނެއް ހުށަހެޅޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.