މާލޭގެ ރަށްވެއްސަކަށްވިތާ އެއް އަހަރު ނުވިޔަސް، މާލޭގައި އުޅުނު ޖުމްލަ މުއްދަތު 15 އަހަރުނަމަ، ސަރުކާރުން މިހާރު ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މާލޭގައި ރަށްވެހިވިތާ އެއް އަހަރު ނުވާ ފަރާތްތަކަށް އެޕްލައިކުރެވޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފައިވާކަން އާންމުކޮށް މިނިސްޓްރީން ބުނީ އެ މީހުން ވެސް މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއަށް ޝަރުތު ހަމަވާނަމަ، އެޕްލައިކުރެވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެފަދަ މީހުން އެޕްލިކޭޝަން ހުށަހަޅާއިރު މެދުނުކެނޑި މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހެއްކަން އެނގޭނެ ލިޔުމާއި މާލޭގައި ރަށްވެހިވި ތާރީހު އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެ ކަމަށެވެ.
އެގޮތަށް ނިންމިއިރު މިދިޔަ ހަފްތާގައި ވެސް ވަނީ "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލަށް އިސްލާހެއް ގެނެސް ގެޒެޓުކޮށްފަ އެވެ. އެގޮތުން އެ އިސްލާހުގައިވާ ގޮތުން އެ ސްކީމަށް މިހާރު ވަނީ ތިންވަނަ ކެޓަގަރީއެއް އިތުރުކޮށްފަ އެވެ.
އެ އިއުލާނުގައިވާ ގޮތުން އެ އުސޫލުގެ ކެޓަގަރީ ތިނެއްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ މީހުން ގޯތި ދޫކޮށް ފުލެޓަށް ނުވަތަ ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ މީހުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ މީހުންނަށެވެ.
އެ ކެޓަގަރީއަށް ފޯމު ހުށަހެޅޭނީ މިމަހުގެ 10 އިން ފެށިގެން މިމަހުގެ ނިޔަލަށެވެ.
ބޯހިޔާވަހިކަން ހޯދަން މިފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވުމެވެ. އެކަމަކު ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ނަމަ، އެމީހުންނަށް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނަމަ ފްލެޓަށް ހުށަހެޅޭ ގޮތަށް ކުރިން ވަނީ ބަދަލު ގެނެސްފަ އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު މިހާރު ވަނީ މިމަހު 31 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ގޯތިތައް ދޫކުރާނީ ރަސްމާލެއިންނެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.