ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ބޮޑު ދިރާސާއެއް ހަދައި ދިވެހި ބަހާ ސަގާފަތާ ބެހޭ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ޅެމުން ފަރުވާ ދިނުމާ ގުޅޭ ދިރާސާ ހެއްދެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ކަމަށެވެ. މި ނޫން ވެސް ދިރާސާތައް އެކަމާ ގުޅިގެން ކުރަމުން އަންނަ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީއަށް މިހާތަނަށް ހުށަހަޅާފައިވާ ދިރާސާ ހަދާފައި އޮތީ އެފަދަ ކަންކަމުގައި އަމަލުކުރަން އޮންނަ ހެލްތު މިނިސްޓްރީގެ ގައިޑްލައިނާ ހިލާފަށެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލަފައިވާ "ސިއްހީ ދިރާސާކުރުމާ ބެހޭ ގަވާއިދު" ބުނާގޮތުން، ރާއްޖޭގައި ސިއްހަތާއި ސިއްހަތާ ގުޅުން ހުރި އިލްމީ ދިރާސާއެއް ހަދަން ޖެހޭނީ އެ ގަވައިދުގެ ދަށުން އުފައްދާފައިވާ ހެލްތު ރިސާޗު ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.
އެ ހުއްދަ ނަގަން ޖެހޭނީ ވެސް އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ.
ނަމަވެސް، "މިހާރު"އަށް އެނގިފައިވާ ގޮތުގައި އެކި މައްސަލަތަކުގައި ނަފުސާނީ އަނިޔާ ލިބޭ މީހުންނަށް ދިވެހި އަދަބިއްޔާތުގެ އެހީގައި ފަރުވާދޭން ނުވަތަ ޅެމުގެ ޒަރީއާ އިން ފަރުވާ ދިނުމުގެ ދިރާސާ ހަދާފައިވަނީ އެ ހުއްދަ ނުނަގަ އެވެ.
މިކަމުގައި ހެލްތު މިނިސްޓްރީން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވިއަސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އަދި އެ މިނިސްޓްރީން ވެސް އޭގެ މައުލޫމާތެއް ނުލިބުނެވެ.
ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފުސާނީ ބަލިތަކަށް ހާއްސަ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ފެށިކަން މިނިސްޓަރު އާދަމް ނަސީރު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.