ހެރިޓޭޖުގެ ދާއިރާ އިން މާސްޓާސް ފެންވަރަށް ރާއްޖޭގައި ކިޔެވުމަށްޓަކައި ސަރުކާރުން 50 ސްކޮލަޝިޕްގެ ފުރުސަތު ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، ހެރިޓޭޖުގެ ދާއިރާގެ މަތީ ތައުލީމުގެ ކޯސް ފަށައިގަތުމުގެ ތަމްރީނުތައް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
އަދި އެ ކޯސްތައް އަންނަ ޖެނުއަރީ މަހު އިސްލާމިކް ޔުނިވާސިޓީގައި ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެގެ ބްރީފިންގައި އާދަމް ނަސީރު ވިދާޅުވީ، ރާއްޖޭގައި ކޮށްފައިވާ ހިރިގަލުގެ މަސައްކަތްތަކުގެ ފަންނުވެރިކަން ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން މަސައްކަތް ކުރާތާ 14 ވަރަކަށް އަހަރު ވެއްޖެ ކަމަށާއި އެކަމަކު އަދި ކާމިޔާބު ނުވާ ކަމަށެވެ.
ނަމަވެސް އެ މަސައްކަތް އަލުން ފަށައި، އާ ދިރާސާތަކާއި އާ ހެކިތައް ހޯދުން މިހާރު ކުރިއަށް ގެންދާ ކަމަށާއި ކަމާ ގުޅޭ ލިޔުންތައް ކަމާ ބެހޭ ފަރާތަށް ކުރިއަށް އޮތް ޖެނުއަރީ މަހު ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ނަސީރު ވިދާޅުވި ގޮތުގައި، ދިވެހި ގައުމިއްޔަތާއި ދިވެހިވަންތަކަމަކީ "ހަމައެކަނި އިހުސާސެއް" ގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އިލްމީ އަދި ފިކުރީ މަފުހޫމްތަކެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން ދިވެހި ގައުމިއްޔަތުގެ އިލްމީ މަފުހޫމްތައް މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޣާޒީ ރަދުންގެ އަސަރުތައް ދިރުވައި އާލާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހއ. އުތީމުގައި ފަށާފައިވާ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
"ހާއްސަކޮށް ހއ. އުތީމުގައި ތަރައްގީ ކުރެވޭ ބޮޑުތަކުރުފާނުގެ ދޮރޯއްޓާއި ވާހަކަ ވާ، އެއީ އުތީމު ކަނދުވަލު މިސްކިތުގެ ވަށައިގެން ތަރައްގީ ކުރެވޭ ވާހަކަ ވަލެއް. މި ތަނުގެ މަސައްކަތް އަމަލީ ގޮތުން މިހާރު ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ އިތުރަށް ކައިރީގައި އެ އޮތް ތަކަންދު އާއި ބާރަށުގައި ހުރި ޣާޒީ ރަދުންގެ އަސަރުތަކަށް މިދެންނެވި މާނަތައް ގެނައުމާއި މިދެންނެވި ގޮތަށް އާމްދަނީ ލިބޭނެހެން ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ."