ބޮލީވުޑްގެ ތުރިލާ ފިލްމު ސީރީޒް "ދުރިޝްޔަމް"ގައި އަކްޝޭ ކަންނާ ކުޅޭ ފުލުހެއްގެ ރޯލު، ތިންވަނަ ފިލްމުގައި ނުކުޅެން ނިންމުމުން އޭނާއާ ދެކޮޅަށް ދައުވާކުރަން ޕްރޮޑިއުސަރު ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ދުރިޝްޔަމް"ގެ ޕްރޮޑިއުސަރު ކުމާރް މަންގަތު ޕާޓަކް މިހާރު ވަނީ އެ މައްސަލާގައި އަކްޝޭ އަށް ދައުވާކުރަން ނިންމައިފަ އެވެ.

ބައެއް ނޫސްތަކުގައި ޕްރޮޑިއުސަރާ ހަވާލާދީ ބުނީ އަކްޝޭ "ދުރިޝްޔަމް 3"ގައި މަސައްކަތްކުރަން އެއްބަސްވެ، އެޑްވާންސް ޕޭމަންޓު ވެސް ނަގާފައިވާ ކަމަށެވެ. އެކަމަކު، އެއްވެސް ސަބަބެއް ބަޔާން ނުކޮށް އެ ފިލްމު ދޫކޮށްލަން ނިންމާ ޓެކްސްޓު މެސެޖަކުން ފިލްމުގެ ޕްރޮޑިއުސަރަށް އަކްޝޭ އެކަން އަންގާފައިވާ ކަމަށް ބުންޏެވެ.

"ދުރިޝްޔަމް 3"ގެ މަސައްކަތްތައް ކުރަމުން އަންނަތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި އެކަން ވަރަށް ރަނގަޅަށް އަކްޝޭ އަށް އެނގޭނެ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

ޕްރޮޑިއުސަރު ބުނީ ފިލްމުގެ ސްކްރިޕްޓު ވެސް އަކްޝޭ އަށް ކިޔާދީފައިވާ ކަމަށާއި އޭނާއަށް އޭނާގެ ރޯލު ކަމުދިޔަ ކަމަށެވެ. އަދި އަކްޝޭ އެދުނު ގޮތަށް ތިންވަނަ ފިލްމާ އެކު އޭނާގެ ފީ ވެސް ތިން ގުނަ ބޮޑުކޮށްދީފައިވާ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

އެހެންވެ، އަކްޝޭ އެއްބަސްވުމާ ހިލާފުވެފައި ވާތީ، އޭނާއާ ދެކޮޅަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

"ދުރިޝްޔަމް 3"ގެ ރޯލު ދޫކޮށްލަން ނިންމައިފި ކަމަށް ބުނެ އަކްޝޭގެ މެސެޖު ލިބުނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ކާމިޔާބު ފިލްމު "ދުރަންދަރު" ރިލީޒްކުރިތާ ތިންވަރަކަށް ދުވަސް ފަހުން ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

"ދުރަންދަރު"ގައި އަކްޝޭ ކުޅުނު ރޯލަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ޕްރޮޑިއުސަރު ބުނި ގޮތުގައި، އަކްޝޭ "ދުރިޝްޔަމް 3" ދޫކޮށްލީ "ދުރަންދަރު" އިން ލިބުނު މަޝްހޫރުކަމާ އެކު އެވެ.

އަކްޝޭގެ ބަދަލުގައި "ދުރިޝްޔަމް 3"ގައި އެ ރޯލު ކުޅެން މިހާރު ވަނީ "ޕާޓަލް ލޮކް" އާއި "ދަ ފެމެލީ މޭން" ކަހަލަ ސީރީޒްތަކުން މަޝްހޫރުވި އެކްޓަރު ޖައިދީޕް އަހަލަވަތު ހަމަޖައްސައިފަ އެވެ.

ޕްރޮޑިއުސަރު ބުނީ އެ ރޯލަށް ޖައިދީޕް އަވަހަށް ހަމަޖައްސަން ޖެހުނީ ފިލްމުގެ ޝޫޓިން ފަށަން ލިބިފައި އޮތް ތާރީހަށް އަސަރުކުރާތީ ކަމަށެވެ. އަދި ޖައިދީޕަކީ އަކްޝޭ އަށް ވުރެ ހުރިހާ ގޮތަކުން ވެސް އެ ރޯލަށް މާ ރަނގަޅު އެކްޓަރެއް ކަމަށް ފެންނާތީ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ މަޝްހޫރު ފިލްމު ސީރީޒް "ދުރިޝްޔަމް"ގެ ތިންވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމައި އެކަން އިއުލާންކުރީ މި މަހު އެވެ. އެ ފިލްމު ގެނެސްދެނީ އަންނަ އަހަރު އޮކްޓޯބަރު ދޭއްގަ އެވެ.