ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ މަޝްހޫރު ފިލްމު ސީރީޒް "ދުރިޝްޔަމް"ގެ ތިންވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.
"ދުރިޝްޔަމް 3" ގެނެސްދޭ ސްޓާ ސްޓޫޑިއޯސް އިން އިއްޔެ ވަނީ ފިލްމުގެ ކުރު ޓީޒާއަކާ އެކު، ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފަ އެވެ. އެ ފިލްމު ގެނެސްދެނީ އަންނަ އަހަރު އޮކްޓޯބަރު ދޭއްގަ އެވެ.
އޮކްޓޯބަރު ދޭކަކީ އެ ފިލްމުގެ ޕްލޮޓާ ވެސް ވަރަށް ބޮޑު ގުޅުމެއް އޮންނަ ތާރީޚެކެވެ.
"ދުރިޝްޔަމް 3" މި ގެނެސްދެނީ އެ ފިލްމު ސީރީޒްގެ ދެވަނަ ފިލްމު ރިލީޒްކުރިތާ ހަތަރު އަހަރު ފަހުންނެވެ. ފުރަތަމަ ފިލްމާއި ދެވަނަ ފިލްމަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. ބޮކްސް އޮފީހުގައި ވެސް ކާމިޔާބު އެ ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމަށް 197 ކްރޯޑް ރުޕީސް ލިބުނުއިރު، ދެވަނަ ފިލްމަށް 345 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ދުރިޝްޔަމް"ގެ ފުރަތަމަ ދެ ފިލްމުގައި މުހިންމު ރޯލުތައް ކުޅުނު ތާބޫ، ޝްރިޔާ ސަރަން، ރަޖަތު ކަޕޫރް، އިޝިތާ ދަތު އަދި މުރްނާލް ޖާދަވް ތިންވަނަ ފިލްމުގައި ވެސް އުޅޭނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ މަންޒަރުތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަންނަ އަހަރު ކުރީކޮޅު އެ މަސައްކަތް ނިމޭނެ އެވެ.
"ދުރިޝްޔަމް"އަކީ ހަމަ އެ ނަމުގައި 2015 ވަނަ އަހަރު ގެނެސްދިން މަލަޔާލަމް ފިލްމެއްގެ ރީމޭކެކެވެ.