ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާތައް ސާބިތު ކުރުމަށްޓަކައި ހުށަހަޅާފައިވާ މައިގަނޑު ހުރިހާ ހެކިންގެ ހެކިބަސް މިހާތަނަށް ނަގައި ނިމިފައިވާތީ ދައުލަތުން އެދިގެން މިއަދު އޭނާ ބަންދުން ދޫކޮށްލައިފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލި ކަމަށް ތުހުމަތުކޮށް، ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އޭގެ ނުވަ މަސް ފަހުން ކްރިމިނަލް ކޯޓުން މިއަދު ޝަމްއާން ބަންދުން ދޫކޮށްލަން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ. އެހެންވެ، އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އަދި ފުރުން މަނާ ކުރުމެއްގެ އަމުރެއް ވެސް ނެރުމަށް ފަހު އެވެ.

ޝަމްއާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި އެދުނީ ޕީޖީ އޮފީހުން ބުނި ގޮތުގައި، މައިގަނޑު ގޮތެއްގައި ހެކިންގެ ހެކިބަސް މިހާތަނަށް ނަގައި ނިމިފައިވާތީއާ އެކު، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އެކަށީގެންވާ މިންވަރަކަށް ކުޑަކުރެވިދާނެ ކަމަށް ފެންނާތީ އެވެ.

ޝަމްއާން ބަންދުން ދޫކޮށްލުމުގައި ކުރި ޝަރުތުތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި ހެއްކަށް ނުފޫޒު ފޯރުވޭ ފަދަ ކަމެއް ނުކުރުން ހިމެނެ އެވެ.

އިތުރު ކުށެއް ނުކުރުމަށް ޝަރުތުކުރަން ދައުލަތުން އެދުނު ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ އިތުރު ކުށެއް ނުކުރުމަކީ އަބަދުވެސް ކޮންމެ މީހެއްގެ މައްޗަށް ވެސް އޮންނަ ގާނޫނީ ޒިންމާއެއް ކަމަށެވެ.

އިތުރު ކުށެއްކޮށްފި ނަމަ އެކަމަށް ވަކިން ފިޔަވަޅު ވަކިން އެޅުމުގެ ބާރު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާ ކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ތިބީ ބަންދުން މިނިވަންވެފަ އެވެ.