ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި އެދުނީ މައިގަނޑު ގޮތެއްގައި ހެކިންގެ ހެކިބަސް މިހާތަނަށް ނަގައި ނިމިފައިވާތީއާ އެކު، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އެކަށީގެންވާ މިންވަރަކަށް ކުޑަކުރެވިދާނެ ކަމަށް ފެންނާތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލި ކަމަށް ތުހުމަތުކޮށް، ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗު މަހު އެވެ.
އޭގެ ފަހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނަމަވެސް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ އެދުމުގެ މަތިން ޝަމްއާން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން ޕީޖީ އޮފީހުން މީޑިއާތަކާ ހިއްސާކުރި ބަޔާނެއްގައި ބުނީ، ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބިދޭސީން ހިމެނޭ ގޮތުން މައިގަނޑު ހެކިންގެ ހެކިބަސް މިއަދާ ހަމައަށް ނަގައި ނިންމާފައިވާ ކަމަށެވެ.
"އެހެންކަމުން މުހައްމަދު ޝަމްއާން ވަހީދު ޝަރުތު ކޮށްފައި ބަންދުން ދޫކޮށްލުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އެކަށީގެންވާ މިންވަރަކަށް ކުޑަކުރެވިދާނެ ކަމަށް މި އޮފީހަށް ފެންނާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، މުހައްމަދު ޝަމްއާން ވަހީދު ޝަރުތު ކޮށްފައި ބަންދުން ދޫކޮށްދެއްވުމަށް މިއަދު ކްރިމިނަލް ކޯޓުގައި އެދިފައިވާނެ އެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
ޝަމްއާން ބަންދުން ދޫކޮށްލީ، ދައުލަތުން އެދުނު ގޮތަށް ރާއްޖެ އިން ފުރުން މަނާކުރުމުގެ ވެސް އަމުރަކާ އެކުގަ އެވެ.
ޝަމްއާން ބަންދުން ދޫކޮށްލުމަށް ކުރި ޝަރުތުތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި ހެއްކަށް ނުފޫޒު ފޯރުވޭ ފަދަ ކަމެއް ނުކުރުން ހިމެނެ އެވެ.