އެމްޕީއެލްގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހާއްސަ އެވެއާނަސް ސެޝަނެއް މިއަދު ބާއްވައިފި އެވެ.

މީރުމާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ރިސްކް ޗެމްޕިއަނުންނަށް އެވެއާނަސް ސެޝަން ނަގައިދިނީ އެސިސްޓަންޓް އޮޑިޓަ ޖެނެރަލް އިބްރާހީމް ފަޒީލެވެ.

އެ ސެޝަނަށް ފަހު، ރިސްކް ޗެމްޕިއަނުންނަށް އައްޔަންކުރި މުވައްޒަފުންނަށް ބެޖާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަ އިބްރާހީމް ރަޝީދު ވިދާޅުވީ ޕޯޓްތަކަކީ އެންމެ "ހައި ރިސްކް" މަސައްކަތުގެ މާހައުލެއް އޮތް ދާއިރާ ކަމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަކަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ރަޝީދު ވިދާޅުވީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް މަސައްކަތުގައި ރިސްކް ޗެމްޕިއަނުންނަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ބައެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރިސްކް ޗެމްޕިއަނުންނަކީ ހަމައެކަނި ރިސްކް ރެޖިސްޓްރީތައް ބަލަހައްޓައި، ލިޔެކިއުންތައް ހަމަކުރާ ބައެއްގެ ގޮތުގައި ނުތިބެ، ރިސްކް އިންފްލުއެންސާސްގެ ދައުރު އަދާކޮށް، ޢަމަލީ ގޮތުން ރިސްކްގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ބަޔަކަށްވުން،" އޭނާ ވިދާޅުވި އެވެ. ރިސްކް ޗެމްޕިއަނުންނަކީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް ވަރުގަދަކޮށް، ކުންފުނީގައި ރިސްކްތަކަށް ސަމާލުކަންދޭ، ހޭލުންތެރި މުވައްޒަފުންތަކެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މުވައްޒަފުންތަކެކެވެ. އެމްޕީއެލްގެ ކޮންމެ ޑިޕާޓްމަންޓަކުން ވެސް ރިސްކް ޗެމްޕިއަނެއް ވަނީ އައްޔަންކޮށްފަ އެވެ. އެ މުވައްޒަފުން ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓާ ގުޅިގެން، ކުންފުނީގައި ރިސްކް މެނޭޖްކުރުމަށް އަހުލުވެރި މުވައްޒަފުންތަކެއް ބިނާކުރުމުގައި މަސައްކަތް ކުރާނެ އެވެ.