އައްޑޫ އިންޓަނޭޝަނަލް ޕޯޓު ބޮޑުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށާއި އޭރުން ބޮޑެތި ބޯޓުފަހަރުން މުދާ ބާލަން ފަސޭހަވާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
އެމްޕީއެލް އިން ބުނީ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރޭގައި މަގަތު ފާލަން ބޮޑު ކުރުމަށާއި އިތުރަށް އެ ސަރަހައްދު ހިއްކުމާއި ބްރޭކްވޯޓާ އެޅުމުގެ މަސައްކަތް ކުރާނެ އެވެ.
އެމްޕީއެލް އިން މިހާރު އަންނަނީ ޕޯޓަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އައްޑޫ އިންޓަނޭޝަނަލް ޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ ޕްރޮޖެކްޓްގެ އީއައިއޭގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
ހިތަދޫ ޕޯޓުގެ މާސްޓަ ޕްލޭން ޑިޒައިންކޮށްފައިވަނީ ކަމާ ގުޅުންހުރި މާހިރުންނާ އެކު މަޝްވަރާކޮށް، ޕޯޓުގެ އެތެރެއަށް ވަދެވޭ ގޮތަށް ރައްކާތެރި ބަނދަރެއްގެ ގޮތުގައި ކަމަށް އެމްޕީއެލް އިން ބުންޏެވެ. މިއާ އެކު ކުރިން ދިމާވި ހުރިހާ މައްސަލައަކަށް ހައްލު ލިބޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޕޯޓާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފަ އެވެ.
އައްޑޫ ސަރަހައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ފަސް ލައްކަ ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކާނެ އެވެ. އަދި 2،000 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެެ.
ގާތްގަނޑަކަށް 212 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.