ސޯޝަލް ހައުސިން ސްކީމްގެ ފްލެޓުތަކުން އެޗްޑީސީ އަށް ބަރާބަރަށް ކުލި ނުދައްކާ މައްސަލަ އިންތިހާއަށް ބޮޑު ހުޅުމާލެ 2 ގެ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފި އެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު ވެސް އެކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

އެ ކުންފުނިން ބުނީ، ޖޫރިމަނާ މާފުކޮށްދިނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

މުޅިން ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ. އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފަ އެވެ. ކުލި ނުދައްކާ އެޕާޓުމަންޓުތަކުގެ ވެރިންނަށް އެޗްޑީސީން މިދިޔަ ހަފުތާގައި ފޮނުވި ސިޓީގައިވާ ގޮތުން މި ފަހަރު މާފުކޮށްދިނީ ޖެނުއަރީ 1، 2024 އިން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަސް ނުވަތަ މިދިޔަ މަހުގެ ނިިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ.

އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައި ވަނީ ނިސްބަތުން ވަރަށް ކުޑަ ޖޫރިމަނާއެއް ކަމަށް ވާއިރު މި ފަހަރު މާފުކޮށްދިން ޖޫރިމަނާގެ އަދަދު 1.2 މިލިއަނެއްހާ ރުފިޔާ އަރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެއީ ނިސްބަތުން ބަލާ ނަމަ ވަރަށް ކުޑަ އަދަދެއް،" އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން މި އަހަރުގެ ޖުލައި މަހު އެޗްޑީސީން އާންމުކުރި ހިސާބުތަކަށް ބަލާއިރު އެ ކުންފުނިން މެނޭޖުކުރާ ގެދޮރުގެ މަޝްރޫއުތަކަށް ބަލާއިރު ކުލީގެ ގޮތުގަ އާއި ޖޫރިމަނާގެ ގޮތުގައި ވެސް އެންމެ ބޮޑު އަދަދެއް ލިބެން ޖެހެނީ ހިޔާ ފްލެޓުގައި އުޅޭ މީހުންގެ އަތުންނެވެ.

އެޗްޑީސީން މިދިޔަ ޖުލައި މަހު ބުނި ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓު ކުއްޔަށް ދޫކޮށްފައިވާއިރު ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން 70 ޕަސެންޓަކީ ކުއްޔެވެ. އެއީ މެނޭޖްމެންޓް ފީގެ އިތުރުން ޖޫރިމަނާ އާއި އިންސްޓޯލްމެންޓްގެ ގޮތުގައި ދައްކަން ބުނެފައިވާ އަދަދުތަކެވެ.

މި އަހަރުގެ ޖުލައި މަހާ ހިސާބަށް ދައްކާ ގޮތުން އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. ބާކީ 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ.

ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ވެސް މިދިޔަ ހަފުތާއިން ފެށިގެން ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓުމަންޓުގެ ކުލި ވަނީ 7،000ރ. އިން 6،000ރ. އަށް ދަށްކޮށްފަ އެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމަންޓުގެ ކުލި ކުޑަކުރީ 9،000ރ. އިން 8،500ރ. އަށެވެ. އެ ކަމަކު މެއިންޓަނެންސް ފީގެ ގޮތުގައި ނަގަމުން އައި 1،000ރ. ކުރިއެކޭ އެއްގޮތަށް ނަގާނެ އެވެ.

އެފްޑީސީގެ 4،000 ފްލެޓުގެ ދެ ކޮޓަރީގެ އެޕާޓުމަންޓުގެ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ނަގަން ނިންމި 15،000ރ. ވެސް 6،000ރ. އަށް ކުޑަކޮށްފައިވާކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. ތިން ކޮޓަރީގެ އެޕާޓުމަންޓުތަކުގެ ސެކިއުރިޓީ ޑިޕޮޒިޓް ކުޑަކުރީ 25،000ރ. އިން 8،500ރ. އަށެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި މިހާތަނަށް ދައްކާފައިވާ ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިވާނެ އެވެ.