ކުރީގެ ސަރުކާރުގެ 4،000 ފްލެޓު މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޭ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އަޅާފައިވާ 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު ދައްކަން ޖެހެނީ 10،500ރ. އެވެ.
ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000ރ. ގެ ޑައުންޕޭމަންޓެއް ދައްކަން ޖެހެ އެވެ. އެ ފްލެޓްތަކުގެ ތަޅުގަނޑި ހަވާލުކުރަނީ އެ ފައިސާ ދެއްކުމުންނެވެ. އެ އަދަދު ބޮޑު ކަމަށް ބުނެ ރައީސް ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ބައެއް މީހުން ތަކުރާރުކޮށް ފާހަގަކުރެ އެވެ.
ހުޅުމާލެ ފޭސް2ގެ ރައްޔިތުންނާ ބައްދަލުކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފަހި ފްލެޓްތަކުގެ ކުއްޔަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން ތިން ކޮޓަރީގެ އެޕާޓްމެންޓްގެ މަހުން މަހަށް ދައްކާ ކުލީގެ އަދަދު 10،000ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެޑްވާންސް ޕޭމަންޓް 8،000ރ. އަށް ކުޑަކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދެ ކޮޓަރީގެ އެޕާޓްމެންޓްގެ މަހުން މަހަށް ދައްކާ ކުލީގެ އަދަދު 7،000ރ. އަށް އަދި އެޑްވާންސް ޕޭމަންޓް ވެސް 7،000 ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތަށް އާ އެއްބަސްވުންތައް ހެދިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ރައީސް މިރޭ ވަނީ އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް އެކަން ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެ އަދަދު ބަހާލައިގެން ފްލެޓަށް ދައްކަންޖެހޭ ޖުމްލަ އަދަދުގެ ތެރެއަށް ލާފައިވުމަކީ، އެތަން ލިބުނު ފަރާތްތަކުގެ ބޮލުގައި އެޅުނު އިތުރު ދަރަންޏެއްގެ ގޮތުގައި މިރޭގެ ބައްދަލުވުމުގައި ވެސް ބައެއް މީހުން ފާހަގަކުރި އެވެ.
"އެ ދެ ލައްކަ ރުފިޔާ އަޅުގަނޑު ދެންނެވި ގޮތަށް، އެ އުނިކުރުމަށްޓަކައި ކޮށްދޭން ހުރި ކަންކަން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހިޔާ ފްލެޓްގެ ކުލި މިހާރު ވެސް އޮތީ ވަކި އަހަރެއްވުމުން ބޮޑުވާ ގޮތަށް ކަމަށާއި އެ ނިޒާމު ކަމުނުދާ ކަމަށެވެ. އެހެންވެ، މަހުން މަހަށް ދައްކަން ޖެހޭ މިންވަރާއި މުޅި ފްލެޓްގެ އަގާ މެދު ހުރި ކަންބޮޑުވުންތައް ވެސް ހައްލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން ވިނަރެސް ފްލެޓްތަކުގެ ކުލި މީގެކުރިން މި ސަރުކާރުން ކުޑަކޮށްފައިވާ މިންވަރަށް، އެ ފްލެޓްތަކާ ގުޅިގެން ނަގާފައިވާ ލޯނުތަކަށް ލުއިތައް ގެންނަން ބޭންކް އޮފް މޯލްޑިވްސްއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ހަމަ އެއާއެކު، ފްލެޓު ގަތުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ލޯނު ނަގާފައިވާ ފަރާތްތަކަށް ވެސް ލުއި ހޯދުމުގައި އެ ބޭންކާ އެކު ވެސް ސަރުކާރުން މަޝްވަރާ ކުރާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.