ދުބާއީ އިން ރާއްޖެއަށް އަންނަން އޮތް ގިނަ ފްލައިޓުތަކެއް، ގަދަވަޔާ އެކު ބޯކޮށް ވާރޭވެހެމުންދާތީ ޑިލޭވެއްޖެ އެވެ.

މުޅި ދުނިޔޭގެ ވެސް އެންމެ ބާރުބޮޑު އިންޓަނޭޝަނަލް އެއާ ހަބް ކަމަށްވާ ދުބާއީ އެއާޕޯޓުން ފްލައިޓުތަކަށް ނުފުރި ގިނަ އިރުތަކެއް ވުމުގެ ސަބަބުން ރާއްޖެއަށް އަންނަން އޮތް ގިނަ ފްލައިޓުތަކެއް ވެސް ވަނީ ޑިލޭވެފަ އެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ދުބާއީ އާއި ޝާރްޖާ މަގުން ދަތުރުކުރާ ގިނަ ފްލައިޓުތަކެއް ޑިލޭވެ، އަދި ބައެއް ފްލައިޓުތައް ވަނީ މޫސުން ގޯސްވެ، ކެންސަލްކޮށްފަ އެވެ.

ބޯ ވާރެއާ އެކު ވިދައި ގުގުރުމުގެ ސަބަބުން އެމިރޭޓްސް އެއާލައިނުން ވަނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އޮތް 13 ފްލައިޓު ކެންސަލްކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ކޮލަމްބޯއަށް އަންނަން އޮތް ދެ ފްލައިޓު ވެސް ހިމެނެ އެވެ.

މެދުއިރުމަތީގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ ދުބާއީއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ މަގުތަކުގަައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބަހުގެ ހިދުމަތް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ވިއްސާރާގައި އިއްޔެ އިން ފެށިގެން ވައިގެ ދަތުރުތަކަށް ވެސް ބުރޫއަރަމުން އަންނައިރު މިވަގުތު ވެސް އެގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ދުބާއީ އާއި އަބޫދާބީ އަދި ޝާރްޖާގެ އެކި ސަރަހައްދުތަކަށް އޮރެންޖް އެލާޓް ނެރެފަ އެވެ.