މެދުއިރުމަތީ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން މާލެ އިން ދުބާއީ އަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެންމެ ޖައްސައިފި އެވެ.

މާލެއިން ދުބާއީއަށް މިއަދު މެންދުރުފަހު ދަތުރުކުރި ފްލައި ދުބާއީގެ FZ1026 ފްލައިޓް އަނބުރާ ވެލާނާ އެއާޕޯޓަށް ޖެއްސީ ވައިގެ މަތީގައި އޮންނަތާ ގަޑިއިރަކާއި 45 މިނިޓެއްހާއިރު ފަހުންނެވެ. 

ވެލާނާ އެއާޕޯޓުން ފުރި އެ ބޯޓު އަނބުރާ ރާއްޖެއަށް މިސްރާބު ޖެހީ، ޔޫއޭއީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެންނެވެ.

މެދުއިރުމަތީގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން، އީރާން، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހްރޭންގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އީރާނުގެ ތެހެރާނަށް ގޮވުންތަކެއްގެ އަޑު އިވިފައިވާ އިރު، އިޒުރޭލުން ވަނީ އީރާނަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާކަން ކަށަވަރު ކޮށްދީފަ އެވެ.

ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށް، ގަތަރުގެ ސިވިލް އޭވިއޭޝަނުން ވެސް ވަނީ އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

މި ކުއްލި ބަދަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ވައިގެ ދަތުރުފަތުރުތަކަށް ވަނީ ބޮޑު ބުރޫއެއް އަރައިފަ އެވެ. މެދުއިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މައިގަނޑު މަގުތައް ބަންދުވުމުގެ ސަބަބުން، ދަތުރުމަތީގައި ތިބި ގިނަ ބޯޓުތަކެއް ވަނީ އެހެން އެއާޕޯޓުތަކަށް ޑައިވާޓްކުރަން ޖެހިފަ އެވެ. އަދި ބައެއް ބޯޓުތައް ފުރި އެއާޕޯޓަށް އަނބުރާ ދާން ވަނީ މަޖުބޫރުވެފަ އެވެ.

އެމިރޭޓްސް، އިއްތިހާދު، ގަތަރު އެއާވޭޒް އަދި ކުވައިތު އެއާވޭޒް ކަހަލަ ބޮޑެތި އެއާލައިންތަކުން ދަނީ މި ހާލަތާ ގުޅިގެން ފްލައިޓްތަކުގެ ޝެޑިއުލަށް ބަދަލުތައް ގެންނަމުންނެވެ. މިކަމުގެ ސަބަބުން ދަތުރުތައް ދިގުވެ، އޮޕަރޭޝަނަލް ގޮތުން ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ އެކު އީރާނުން މިހާރު ވަނީ ރައްދު ހަމަލާތައް ދޭން ފަށައިފަ އެވެ. 

އެ ހަމަލާތަކާ ގުޅިގެން ބަހްރޭން، ގަތަރު، ކުވައިތު، ޔޫއޭއީގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ކުއްލި ހާލަތަށް އައިސްފަ އެވެ. ގަތަރުން ވަނީ ހަމަލާއެއް އިންޓަސެޕްޓުކޮށްފަ އެވެ. ބަހްރޭންގައި ވަނީ ހަމަލާއެއް އަސްކަރީ މަރުކަޒަކަށް އަމާޒުވެފަ އެވެ. ދުބާއީން ވެސް ވަނީ ގޮވުމެއްގެ އަޑު އިވިފަ އެވެ. މީގެ އިތުރުން ސައޫދީގެ ރިޔާޟުން ވެސް ބާރުގަދަ ގޮވުމެއްގެ އަޑު އިވުނު ކަމަށް ރިޕޯޓްތައް ބުންޏެވެ.