ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ހެދި ގަވާއިދާއި އެކަމަށް ހެދި ޕްލޭން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ވަކި އުސޫލުތަކެއްގެ ތެރެއިން ހުއްދަކުރަން ނިންމައި، ސަރުކާރުން މިދިޔަ އޮކްޓޫބަރު މަހު އާންމުކުރި ގަވާއިދާއި އެކަމަށް އާންމު ކޮށްފައިވާ ޕްލޭން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސިނީންގެ ފަރާތުންނެވެ.
ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ބާތިލްކުރަން ހުށަހަޅާ މައްސަލަތައް ކަމަށް ވާއިރު، ކަށިމިޔަރުގެ މަސްވެރިކަމުގެ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދުގެ ބައެއް ނޫން ކަމަށެވެ.
މީގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ގަވާއިދަކީ ގާނޫނު އަސާސީ އާއި މަސްވެރިކަމުގެ ގާނޫނާއި ކަމާބެހޭ ގާނޫނީ އުސޫލުތަކާ ހިލާފު ގަވާއިދެއް ކަމަށް އެ މައްސަލާގައި ބުނެފައިވިޔަސް، ގާނޫނާ ހިލާފުވާ ގޮތެއް ބަޔާންކޮށްދީފައި ނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަމުގެ ގަވާއިދު ބުނާގޮތުން އެކަމަށް ހުއްދަ ދެވޭނީ އަހަރަކު ގިނަވެގެން ހަތް މަސް ދުވަހުގެ މުއްދަތަށް އަދި ސަރުކާރުން ހުއްދަދޭ ވަކި އުޅަނދުތަކަކަށް އެކަންޏެވެ. އަދި އެކަމަށް ހާއްސަ ލައިސަންސެއް ވެސް ނަގަން އެ ގަވާއިދު ލާޒިމްކުރެ އެވެ.
އެކަމާ ދެކޮޅަށް ތިމާވެށީގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އަދި ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.