ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް، އެކަމާ ގުޅޭ އުސޫލު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ސަރުކާރުން އާންމުކޮށްފައިވާއިރު އެ ނިންމުން ބާތިލްކޮށް ކަށިމިޔަރުގެ މަސްވެރިކަން ކުރުން ހުއްޓުވުމަށް، ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސީނީން އެވެ. ހުމައިދާ މީގެ ކުރިން ވަނީ ގުޅިފަޅު ހިއްކުން ހުއްޓުވަން ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފައިވަނީ އެކަމަށް ހާއްސަ އުސޫލެއްގެ ތެރެއިންނެވެ. އަދި ކޮންމެ އަހަރަކު، ގިނަވެގެން ހަތް މަސްދުވަހަށެވެ. ކަށިމިޔަރުގެ މަސްވެރިކަންކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅައި ކޮންމެ ފަހަރަކު އިއުލާނުކުރާނެ އެވެ.
ގަވައިދު އޮތް ގޮތުން، މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރާނީ އެންމެ ގިނަ ވެގެން 40 އުޅަނދަށެވެ. ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރި ކުރުމަށް ލައިސެންސްއެއް ވެސް ނަގަން ޖެހެ އެވެ.
ބުޅީގައި ޖެހޭ ކަށިމިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް ބައެއް އޭގެ ހަށިގަނޑުން ވަކި ނުކޮށް ކަމަށް ގަވައިދުގައިވެ އެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރިން ޕްރޮސެސްކުރުމުގެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.
ކަށިމިޔަރުގެ މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް އެތެރެވަރީގައި ނުހިންގޭނެ އެވެ. އަދި އެފަދަ ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނ،ީ ހަމައެކަނި އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރާތީ، ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށްފައި ވެސް ވެ އެވެ.
އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.
މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ހަމައެކަނި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރެއް ނޫން ކަމަށާއި އެއީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދާއި އެއިން ލިބޭ މަންފާއަށް ވެސް ކުރާނެ ނޭދެވޭ އަސަރެއް ކަމަށް އެ ޕެޓިޝަނުގައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން ރާއްޖޭގައި އޮތީ މިޔަރު ހިމާޔާތްކޮށްފަ އެވެ.