އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން އިއްޔެ ފެށި ޕްރޮގްރާމްގައި ރޭ 23 ބިދޭސިއަކާ ސުވާލުކޮށް، ގަވައިދާ ހިލާފަށް އުޅުނު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށު ތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ ރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފަ އެވެ.

އެހެންވެ ފުލުހުންނާއި އިމިގްރޭޝަނުން ރޭ ވަނީ އެ މަސައްކަތް ފަށައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރޭ ދަންވަރު ބޭރުގައި އުޅެނިކޮށް ހުއްޓުވައި 23 ބިދޭސީންނާ ސުވާލުކޮށްފައިވާނެ ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅެނިކޮށް ރޭ ހައްޔަރުކުރި މީހާ އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ނިންމާފައި ވަނީ ރެއިން ފެށިގެން ކޮންމެ ރެއެއްގެ ދަންވަރު 12 އިން ހެނދުނު 6 އާ ދެމެދު މާލެ އާއި ހުޅުމާލޭގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރާށެވެ.

އެގޮތުން ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއް ނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރާނެ އެވެ.

ފުލުހުން ނިންމާފައި ވަނީ ބިދޭސީން ފާސްކުރާއިރު، ފާހަގަކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ގާނޫނީ އިމުގެ ތެރޭގައި ފިޔަވަޅު އަޅަން އިމިގްރޭޝަނާ ހަވާލުކުރުމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހޯދައި މި ވަގުތު ވެސް ވަނީ 70 އަށް ވުރެ ގިނަ ތަންތަން ބަންދުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އެންމެ ފަހުން ދީފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވެ އެވެ.