އއ. އުކުޅަހުން ގެއްލިގެން ހޯދަމުން އަންނަ ޓޫރިސްޓު އަދިވެސް ނުފެންނަ ކަމަށާއި ބެލެވެނީ މޫދަށް ގެއްލުނީ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އުކުޅަހުން ގެއްލިގެން ހޯދަން ކައުންސިލުން އިއްޔެ އިއުލާންކުރީ އެ ރަށުގެ ގެސްޓް ހައުސްއެއް ކަމަށްވާ "ލަ ޕަލްމާ ސްޓޫސް"ގައި ހުރި ރަޝިއާގެ ފިރިހެނެކެވެ.

އިއްޔެ ހެނދުނު އެ ރަށުން ފުރާ ގޮތަށް ހަމަޖެހިފައިވާ އެ ޓޫރިސްޓު އެންމެ ފަހުން ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އެވެ. އޭނާގެ މޮބައިލް ފޯނާއި އެހެން ހުރިހާ ސާމާނެއް ގެސްޓް ހައުސްގައި އޭނާ ހުރި ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހީމް "މިހާރު" އަށް މިއަދު ވިދާޅުވީ އުކުޅަހަށް އެކަނި ގޮސްގެން އުޅޭ ޓޫރިސްޓު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ބޮޑަށް ބެލެވެނީ މޫދަށް ގެއްލުނީ ކަމަށާއި ނަމަވެސް އެކަން ޔަގީން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު، އުކުޅަހުން އެއްވެސް އުޅަނދެއްގައި އެ މީހާ ފުރައިގެން ނުދާ ކަން ޔަގީންކުރި ކަމަށް ޝައުކަތު ވިދާޅުވި އެވެ.

"ހެކިތައް ބޮޑަށް ލިބިފައި ހުރީ އެގޮތަށް. އޭނާ ގެންގުޅުނު ކަމަށް ބެލެވޭ މޫދަށް އެރޭ ތުވާއްޔާއި އެހެން ބައެއް އެއްޗެހި ފެނިފައި ހުރީ މޫދު ކައިރި، ބީޗުން،" އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ލަފާކުރައްވާ ގޮތުގައި ޓޫރިސްޓު ގެއްލުނީ އަންގާރަ ނުވަތަ ބުދަ ދުވަހު އެވެ. އެ ދެ ދުވަހަކީ ވެސް އެ ރަށް ހިމެނޭ ސަރަހައްދަށް މޫސުން ރަނގަޅު ދެ ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވެސް އަންނަނީ އެ މީހާ ހޯދަން މަސައްކަތް ކުރަމުންނެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަ ޕާމަ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކުގެ ނަންބަރު 9553510 އަށް ގުޅަން ކައުންސިލުން އެދެ އެވެ.