ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ލިބުނު އަނިޔާތަކާ ގުޅިގެން ރާއްޖެ އިން ބޭރުގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވި މީހާގެ ޖަނާޒާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އަލިފާނުގެ ހާދިސާގައި ފިހުނީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 42 އަހަރުގެ އަހުމަދު އަޒްމީލް އެވެ.
އޭނާ އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ހަށިގަނޑު ރާއްޖެ އަށް ގެނައީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އަޒްމީލްގެ ޖަނާޒާ ބާއްވަނީ ހުޅުމާލެ ސަހަރާގަ އެވެ. ކަށުނަމާދު ކުރަނީ މިރޭ އިޝާ ނަމާދަށް ފަހުގަ އެވެ.
އަޒްމީލް ނިޔާވިއިރު އަންބަކާއި ދެ ކުދިން ތިބެ އެވެ. އަދި އަނބިމީހާ މިހާރު އިނީ ތިންވަނަ ދަރިފުޅަށް ބަލިވެ އެވެ.