ށ. ފުނަދޫން ފީވަކަށް ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދިޔުމުން ކަނޑުވި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 11:50 ހާއިރު ލިބުމާ އެކު، ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ.

އުމުރުން 68 އަހަރުގެ އެ ފިރިހެންމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ގެންގޮސްފައި ވާއިރު އޭނަގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

އެނގިފައިވާ އެއީ ކުޑަ ދޯންޏެއްގައި އަމިއްލަ އަށް ދަތުރުކުރާ ށ. ނޫމަރާ މީހެކެވެ. އެ ހާދިސާ ހިނގީ ދޯނީގެ ދިރުނބާކޮޅުން ފެން އަރަން ފެށުމުން ކޮންޓްރޯލް ނުކުރެވި، ދޯނި އަޑިއަށް ދިއުމުން ކަމަށް އެނގިފައިވެ އެވެ.

އެ ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.