މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ ކައިރީގައި ކަނޑުމަތީގައި ހިނގި ބޮޑު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ރޭ މީޑީއާ އަށް ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ގޮސްފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 

މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އެ އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދިނުމަށް ޖުމްލަ ފަސް މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެހި ފިރިހެނެކެވެ. 

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ އެކްސިޑެންޓުގައި ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.