ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޝަކީބް (ޝަކިއްބެ) މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަކީބް ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބް އައްޔަންކުރީ ކުރިން އެ މަގާމު ފުރުއްވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ޝަކީބްއަކީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރި ހަތަރު ވަނަ ފަރާތެވެ. މީގެ ކުރިން އެ މަގާމު ފުރުއްވީ ޒީނާ ޒާހިރާއި މުހައްމަދު ސައީދު އަދި ނަސްރީން އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޕޮޑްކާސްޓް ޝޯ އެންމެ ފަހުން ހުށަހަޅުއްވަމުން ގެންދެވި ޝަކީބް ވަނީ ޓީވީއެމްގެ ތިޔަބޭފުޅުންގެ ފުރުސަތު، އެހާރާއި މިހާރު، އެހަނދާނުގައި، ހޭޔަންބޯގެ އިތުރުން ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ފަދަ ބޮޑެތި ޓީވީ ޝޯތައް ހުށަހަޅުއްވައި ދެއްވައިފަ އެވެ.
ޝަކީބް އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވީ ޑިޕާޓްމަންޓު އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގަ އެވެ. އެ ތަނުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. އެއާ އެކު، މިދިޔަ އަހަރުގެ ޖުލައި މަހު ތައުލީމީ ދާއިރާ އިން އޭނާ ރިޓަޔާ ކުރެއްވީ އެވެ.
ޝަކީބް ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެށްޓެވީ 1985 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ދާއިރާގެ އިސް މަގާމުތައް އަދާ ކުރެއްވި އެވެ. ޝަކީބް 35 އަހަރާއި ހަތް މަސް ވަންދެން ތައުލީމީ ދާއިރާ އަށް ހިދުމަތް ކުރެއްވިއިރު، އެ މުއްދަތުގައި ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.