ފުލުހުން މިދިޔަ މަހު ރިކަވާ ކޮށްފައިވާ މުދަލުގެ ތެރޭގައި 109 ސައިކަލް ހިމެނޭ ކަމަށާއި އޭގެ އަގު 6.8 މިލިއަން ރުފިޔާ އަށް އަރާ ކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކުރި "މާލޭ ފްރަންޓްލައިން ޕޮލިސިން" ގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު 1 އިން 30 ގެ ނިޔަލަށް ފުލުހުން ރިކަވާ ކުރި މުދަލުގެ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ރިކަވާ ކުރީ ސައިކަލެކެވެ.
އެ މުއްދަތުގައި 13 ފޯނު ރިކަވާ ކުރި އެވެ. އޭގެ އަގަކީ 154،562ރ. އެވެ.
ފުލުހުން ރިކަވާކުރި އިތުރު ސާމާނު:
- އަށް މައްސަލައެއްގައި އިލެކްޓްރޯނިކްސް ސާމާނު ރިކަވާ ކުރި. އޭގެ އަގަކީ 32،300ރ.
- ފައިސާގެ 20 މައްސަލައެއްގައި 588،822ރ. ރިކަވާކުރި.
- އެެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 39 މައްސަލައެއް. އެއީ 43،115ރ.
މާލޭ ފްރަންޓްލައިން ޕޮލިސިން އިން އެޓެންޑުވި ސީންތަކުގެ މައޫލުމާތުގައިވާ ގޮތުން އެކްސިޑެންޓުގެ 10 މައްސަލައަކާއި ވައްކަމުގެ 71 މައްސަލައެއްގެ އިތުރުން ފޭރުމުގެ 12 މައްސަލައަކާއި މާރާމާރީގެ 16 މައްސަލައެއް ވެސް ހިމެނެ އެވެ.