ރަސްފަންނާއި ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ސިޓީ ކައުންސިލުން އެގޮތަށް ބުނިއިރު މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިވަޑައިގަތުމުން ހިތާމަ ކުރައްވާ ކަމަށާއި އެތަނުގެ ރީތިކަން އަނބުރާ ހޯއްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު، ސިޓީ ކައުންސިލުން ބުނި ގޮތުގައި 2016 ވަނަ އަހަރު ހުޅުވި ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށް ފަހު، އެތަނުގެ އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން ވަނީ އާންމުކޮށް އިއުލާނުކޮށްފަ އެވެ.
އެއީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ކޮށްފައިވާ ތަނެއް ނޫން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެތަނުގައި ހުރި އިމާރާތާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަށް ވަނީ ގޮސްފަ އެވެ.
ކައުންސިލުން ބުނީ ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީ ހުއްދަ އެންވަޔަރަނަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައި ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު ވަނީ އަންނަ ހަފްތާގައި ޗަކަ ނަގައި މަސައްކަތް ފަށާނެކަން ވެސް އަންގާފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ރަސްފަންނު ބެލެހެއްޓުމަށް ހަވާލުކުރީ އެމްޓީސީސީއަށް ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއް ކުރިއަށް ނުގެންދާތީ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ މީގެ ފަހުން ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލުން ކަމަށެވެ.
ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައި ހަދާފައިވާ ރަސްފަންނާއި ސަލްޓަން ޕާކަކީ ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ލިބޭ ދެ ތަން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެ އެވެ.
އެކަމަކު އެމަނިކުފާނު މިއަދު ހެނދުނު ރަސްފަންނަަށް ވަޑައިގެން އެ ސަރަހައްދުގެ ހާލަތު ބައްލަވާލައްވާ ކުރެއްވި ޓްވީޓުގައި ވަނީ އެ ސަރަހައްދު ވީރާނާވަމުންދާ ކަމަށާއި އެތަން މަރާމާތުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިތަނުގެ މަރާމާތު ލަސްވީ މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީއާ ދެމެދު ދެބަސްވުންތަކެއް އުފެދިގެންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިޔަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ. އެތަނުގައި ހިންގާ ކިއޮސްކަކީ، އެ ސަރަހައްދު މަރާމާތު ކުރާތީ އޭގެ ބަދަލުގައި އެމްޓީސީސީ އަށް ދީފައިވާ ތަނެކެވެ.
ކައުންސިލުން ބުނީ މަރާމާތު ކުރުމުގެ ބަދަލުގައި އެ ތަނުގައި ޖެހޭނީ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރަން ކަމަށާއި އެކަމަކު އެކަން ކުރާނެ ބަޖެޓެއް ސިޓީ ކައުންސިލްގައި ނެތް ކަމަށެވެ.
އެ މައްސަލަ ބޮޑުވި ދުވަސްވަރު އެމްޓީސީސީން ބުނީ ހަޓުތަކާއި ބާބަކިއު އޭރިއާ އަދި މަސްބާނާ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން އެ ތަން މަރާމާތު ކުރުމަށް ސިޓީ ކައުންސިލްގެ ހުއްދައަށް އެދިފައިވާ ކަމަށާއި އެކަމަކު އެ ހުއްދަ ނުލިބޭ ކަމަށެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ ހަފްތު ބަންދު ދުވަސްތަކުގައި ގިނަ ބަޔަކު އާއިލާތަކާ އެކު ގޮސް ހަދާ ދެ ތަނެވެ.