ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި އެތަންތަނުގެ ރީތިކަން އަނބުރާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކު ދަނީ ވީރާނާވަމުން ކަމަށެވެ.
އެ ދެ ތަނަކީ ވެސް ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ލިބޭ ދެ ތަން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، އަދި ކުރިއަށް ވުރެ ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އެ ތަންތަނަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ހަދާފައިވާ ދެ ތަނެކެވެ.
ރަސްފަންނު ހިމެނޭ ގޮތަށް ސުނާމީ ބިނާ ސަރަހައްދު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ސުނާމީ ބިނާ ކައިރިން ވެސް ބޮޑު ބައެއް އޮތީ ގަނބައިގެންފަ އެެވެ.
ސަލްޓަން ޕާކާއި ރަސްފަންނު ސަރަހައްދު މަރާމާތު ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ތަން މަރާމާތު ނުކުރެވި އޮތީ މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީއާ ދެމެދު ދެބަސްވުންތަކެއް އުފެދިގެންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތުގައި ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިޔަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ. އެތަނުގައި ހިންގާ ކިއޮސްކަކީ، އެ ސަރަހައްދު މަރާމާތު ކުރާތީ އޭގެ ބަދަލުގައި އެމްޓީސީސީ އަށް ދީފައިވާ ތަނެކެވެ.
ކައުންސިލުން ބުނީ މަރާމާތު ކުރުމުގެ ބަދަލުގައި އެ ތަނުގައި ޖެހޭނީ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރަން ކަމަށާއި އެކަމަކު އެކަން ކުރާނެ ބަޖެޓެއް ސިޓީ ކައުންސިލްގައި ނެތް ކަމަށެވެ.
އެ މައްސަލަ ބޮޑުވި ދުވަސްވަރު އެމްޓީސީސީން ބުނީ ހަޓުތަކާއި ބާބަކިއު އޭރިއާ އަދި މަސްބާނާ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން އެ ތަން މަރާމާތު ކުރުމަށް ސިޓީ ކައުންސިލްގެ ހުއްދައަށް އެދިފައިވާ ކަމަށާއި އެކަމަކު އެ ހުއްދަ ނުލިބޭ ކަމަށެވެ.
އެހެންވެ އެ ކަންކަމާ ހުރެ، އެތަން މަރާމާތު ކުރުމުގެ މަސައްކަތް އޮތީ ނުކޮށެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ ހަފްތު ބަންދު ދުވަސްތަކުގައި ގިނަ ބަޔަކު އާއިލާތަކާ އެކު ގޮސް ހަދާ ދެ ތަނެވެ.