އައްޑޫ ސިޓީގެ ހުޅުމީދޫގައި އޮންނަ މަތިކިޅި އިކޯގާޑެންގައި އޮންނަ ޗަސްބިމުގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެތަނުގައި ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 5:30 ގައި ކަމަށެވެ.
ހިމާޔަތްކޮށްފައިވާ މި ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ހުޅުމީދޫ ފަޔާ ސްޓޭޝަނުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވެ އެވެ.
ޗަސް ބިން ސަރަހައްދުގައި އަލިފާން ރޯވާން ދިމާވާ ސަބަބެއް ސާފެއްނުވެ އެވެ. ނަމަވެސް، މީގެ ކުރިން ވެސް ދެކުނުގެ ބައެއް ޗަސްބިން ތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.
ބޮޑު ޗަސް ބިމެއް ހިމެނޭ މި ސަރަހައްދަކީ ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ސަރަހައްދެކެވެ.