ގ. އުފުރިޔާގޭގެ ހަވަނަ ފުލޯގެ އެޕާޓްމަންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ކޮޓަރިއެއް އެއްކޮށް އަނދައި ހުލިވި ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އުފުރިޔާގޭގެ ހަވަނަ ފުލޯގެ "އެޕާޓްމަންޓް ބީ"ގެ އެއް ކޮޓަރި އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.
ނޭޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެޕާޓްމަންޓުގައި ދިރިއުޅުނު އެކަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.
ގަލޮޅު ވީބީ މާޓް ކުރިމަތިން އަދި އިހުސާން ފިހާރަ ވެސް ހުންނަ އިމާރާތުގެ ހަވަނަ ފުލޯގެ އެޕާޓްމަންޓެއްގައި ރޯވީ ރޭ 11:30 ހާއިރެވެ. ސިފައިންގެ ފަޔަމަނުން އެ އަލިފާންގަނޑު ނިއްވާލީ ރޭ 12 ޖެހި ފަހުންނެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް، ދުމުގެ އަސަރުކޮށްގެން އުމުރުން ދުވަސްވީ މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.