ފޯޖަރީގެ ތުހުމަތުކޮށް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލްގެ ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން މިއަދު ފަށައިފި އެވެ.
ފުލުހުން ބުނީ މި ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ.
"މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް،" ފުލުހުން ބުންޏެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އެމްޑީ ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލްގެ ނަން އޮއްވައި އޭނާއަށް ވަނީ ގޯތީގެ ރަޖިސްޓްރީއެއް ހަދައިފަ އެވެ. އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން ވަނީ ފަޅާއަރައިފަ އެވެ. ސޯޝަލް މީޑިއާގައި އާންމުވި އެ ލިޔުންތަކުން އެނގޭ ގޮތުގައި، އެއީ ސައްހަ ރަޖިސްޓްރީތަކެއް ނޫނެވެ. ބިންވެރިޔާ ސްކީމުން ފަޒީލް އަށް ގޯތި ނުލިބޭ ކަމަށް ހައުސިން މިނިސްޓްރީން ވެސް އެޗްޑީސީއަށް އަންގައިފަ އެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވުމުން ފުލުހުން ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި، ފަޒުލް ހިމެނޭ ގޮތަށް އެ ކުންފުނީގެ ބޯޑު އެއްކޮށް މިއަދު ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ. އަދި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ކަމުން ފަޒީލް ވެސް މިއަދު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
މި މައްސަލަ ހޫނުވުމުން އެޗްޑީސީން ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފަޒުލް ވިދާޅުވީ ގޯތިތަކުގެ މައްސަލަ ފާހަގަވީ ގޯތިތަކުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން، އެ ރަޖިސްޓްރީތައް ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވުމުން ކަމަށެވެ. އެކަން އެނގި ތިބެ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް، އެޗްޑީސީން މި މައްސަލަ އޮތީ މިއަދާ ހަމައަށް ސިއްރުކޮށްފަ އެވެ.
ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވަނީސް އޭނާގެ ބޭބެ ފަޒީލް ޝަރުތު ހަމަވާ ކަމަށް ހަދައި، ރަޖިސްޓްރީއެއް ހެދުމަކީ އިއްތިފާގެއް ކަމަށެވެ. އެކަމަކު އެ މައްސަލަ ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނައީ އެޗްޑީސީން ކަމަށް ފަޒުލް ވިދާޅުވި އެވެ.