އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ކުރަނީ އެ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލާގައި ފަޒުލްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "މިހާރު" އަށް ވިދާޅުވީ ފަޒުލްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. ކުރިން ނެރެފައި އޮތް ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
"އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮތީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ އަށް ވުރެ އިތުރަށް ފުލުހުން އެ މައްސަލާގައި މީޑިއާއާ އަދި ވާހަކައެއް ނުދައްކަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ފަޒުލް ދިއުޅުއްވާ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން ވަނީ 1.4 މިލިއަނެއްހާ ރުފިޔާ ފެނިފަ އެވެ. އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެކަމަކު، މާލެ ސަރަހައްދުގައި ލޯންޗު އޮޕަރޭޓް ކުރާ "ރިލެކްސް ފެރީ ސާވިސް" ނަމަކަށް ކިޔާ ކުންފުންޏަކުން ވަނީ އެ ފައިސާއާ ހަލުވެފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި އެއީ، ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން 1.4 މިލިއަން ރުފިޔާ އެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އޭގެ ތެރެއިން ފަޒުލް އަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ. ޝަރުތު ހަމަނުވާ އިތުރު ބަޔަކަށް ވެސް ބިން ދޫކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.