ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިދިޔަ މަހު ބޭއްވި ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އަށް ދިވެހި ސަރުކާރުގެ ފަރާތުން އިއްޔެ ޖަމާކޮށްދީފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، އެ ފައިސާ ޖަމާކޮށްދިނީ މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ކަމަށެވެ.
"އެ ފައިސާ ހަރަދު ކުރާނެ ޕްރޮޖެކްޓްތައް އަންރުއާ އިން އަދި ފައިނަލް ކުރާނެ. އެ ކަމަށް ދެ ތިން ދުވަސް ނަގާނެ. ޕްރޮޖެކްޓްތައް ފައިނަލް ވީމާ އަދި ބަޔާނެއް ވެސް ނެރޭނެ" ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ފައިސާ ފޮނުވީ ޑޮލަރުންނެވެ. އެއީ 1.2 މިލިއަން ޑޮލަރެވެ. އެ ފައިސާ ޖަމާކުރި ޓީޓީގެ ކޮޕީއެއް ވެސް "މިހާރު" ގެ ނޫސްވެރިންނަށް ފެނުނެވެ.
ފައިސާ ނުފޮނުވާ ކަމަށް ބުނެ އިއްޔެ ފެތުރުނު ވާހަކަތައް ވެސް ސަރުކާރުން މިއަދު ދޮގުކުރި އެވެ.
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ޕީއެސްއެމުން އިންތިޒާމުކޮށްގެން އެ ޓެލެތޯން ބޭއްވީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އެ ރޭގެ ދަންވަރު 12 ޖަހަންދެންނެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑުފޮށި ބެހެއްޓީ އެ ދުވަހުގެ ހަވީރު 6 ޖަހަންދެންނެވެ. ނަމަވެސް ދަންވަރު 12 ޖަހަންދެން ފައިސާ ޓްރާސްފާކުރުން ކުރިއަށް ގެންދިޔަ އެވެ.
ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ސްކޫލްތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ.
އެ ޓެލެތޯންގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަނޑުފޮށި ބެހެއްޓި އެވެ. އަދި އޮންލައިން ޓްރާންސްފާ ކުރެވޭ ގޮތަށް ވެސް ހެދި އެވެ.
ޓެލެތޯނަށް ލިބުނު ފައިސާ ގުނާފައި ވަނީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" އިންނެވެ.
ފަލަސްތީނަށް އެހީވާ އދ. ގެ މި ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކުރަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.